ކާ ފަހަރަކު ތިން ބަނޑަށް ކާލަ އެވެ. އެކަމަކު ހަށިގަނޑުން އެކަމެއް ނުފެނެ އެވެ. މިކަހަލަ މީހަކު އަހަރުމެން އެންމެން ވެސް ދަންނަމު އެވެ. ކިތަންމެ ވަރަކަށް ކެއަސް ބަރުދަން އިތުރު ނުވުމުގެ ފަހަތުގައިވާ ސައިންޓިފިކް ސިއްރު މިހާރު ވަނީ ހޯދިފަ އެވެ.

އެގޮތުން ކަމާއިބެހޭ ތަޖުރިބާކާރުން ބުނާ ގޮތުގައި ގިނައިން ކެއި ނަމަވެސް ބައެއް މީހުން ފަލަ ނުވަނީ އެމީހުންގެ ބޭސަލް މެޓަބޮލިކް ރޭޓް (ބީއެމްއާރް) ގަދަވުމުގެ ސަބަބުންނެވެ.

ބީއެމްއާރް ގަދަވުމުގެ ސަބަބުން، އެހެން މީހުންގެ ހަށިގަނޑުގައި ހުންނަ ކެލޮރީސް ވިރުވާ ވަރަށްވުރެ ގިނައިން އަދި އަވަހަށް، އެފަދަ މީހުންގެ ހަށިގަނޑުގައި ހުންނަ ކެލޮރީސް ވިރުވާލަ އެވެ.

އެހެންކަމުން ކިތަންމެ ވަރަކަށް ކޮންމެ ފަދަ އެއްޗެއް ކެޔަސް، އެތަކެތި އެމީހުންގެ ހަށިގަނޑުގައި މާގިނައިރު ހަރުލާފައެއް ނުހުރެ އެވެ.

ނަމަވެސް މިފަދައިން ފަލަ ނުވާ މީހުން ވެސް ޤަވާއިދުން ކަސްރަތު ކުރަން ޖެހޭނެ ކަމަށް ސިއްޙީ މާހިރުން ބުނެ އެވެ. އެމީހުން ބުނާ ގޮތުގައި، އެފަދައިން ހިކިކޮށް ހުރުމުގެ މާނައަކީ ސިއްޙަތު ރަނގަޅުވުމެއް ނޫނެވެ. އެއްވެސް ކަސްތަރެއް ނުލިބި މާބޮޑަށް ހިކިކޮށް ހުރުމުން ހިތުގެ އެކި ކަހަލަ ބަލިތައް ޖެހިދާނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ސިއްޙީ މާހިރުން ބުނެފައިވެ އެވެ.

ގިނައިން ކެއަސް ފަލަ ނުވެ ހުރެވުމަކީ ރަނގަޅު ކަމެއް ކަމަށް ދެކޭ މީހުންނަށް ބުނެލަން އޮތީ އެއީ އަދި ކުށްހީއެއް ކަމެވެ. ފަލަ ނުވިއަސް ކެއުން ގެންގުޅެން ޖެހޭނީ ވަކި ގޮތަކަށް ވަކި މިންގަނޑެއްގެ ތެރޭގަ އެވެ.