އަލުއްވަކީ އަހަރުމެންގެ ކެއްކުމުގައި މުހިއްމު ދައުރެއް އަދާކުރާ ބާވަތެކެވެ. ރާއްޖޭގައި ފަސޭހައިން ލިބެން ހުންނަ ފަލަމަޑީގެ މި ބާވަތަކީ ފައިދާތަކުން ފުރިގެންވާ ބާވަތެކެވެ.

ބަރުދަން އިތުރު ކޮށްދޭ

އަލުވީގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކާބޯހައިޑްރޭޓް އެވެ. ޕްރޮޓީން ހިމެނެނީ މަދުންނެވެ. އެހެންކަމުން މިއީ ހިކިކޮށް ބަރުދަން ލުއިކޮށް ތިބޭ މީހުންނަށް ބަރުދަން އިތުރުކުރުމަށް ބޭނުންކުރެވިދާނެ ރަނގަޅު ބާވަތެކެވެ.

ހަޖަމު ކުރަން ފަސޭހަ ކޮށްދޭ

އަލުވީގައި އެކުލެވޭ ފަސޭހައިން ހަޖަމުވާ، އަދި ހަޖަމުވުމުގެ މަސައްކަތް ހަލުވިކޮށްދޭ ބާވަތެކެވެ. އެހެންކަމުން މިއީ ތުއްތު ކުދިންނަށް ދެވިދާނެ ބާވަތެކެވެ. ނަމަވެސް އަބަދު އަލުވި ކާނަމަ ބަނޑުގައި ގޭސް އުފެދިދާނެ ކަމަށް ވިސްނަން ޖެހޭނެ އެވެ.

ހަންގަނޑު ރީތިކޮށްދޭ

އަލުވީގައި ވިޓަމިން ބީގެ ވައްތަރުތަކާއި ވިޓަމިން ސީ އަދި މައުދަން ތަކުގެ ތެރޭގައި ހިމެނޭ ޕޮޓޭސިއަމް، މެގްނީޒިއަމް، ފޮސްފަރަސް، އަދި ޒިންކު ފަދަ މައުދަން ތައް ހުރެ އެވެ. މިވިޓަމިންތަކާއި، މައުދަންތަކަކީ ހަމަށް ބޭނުންތެރި މާއްދާ ތަކެކެވެ. އަލުވި ކައްކައި، ޗަސްކޮށް، އޭގެ ފުށްގަނޑާ، މާމުޔާއި އެއްކޮށްގެން ހަމުގައި އުގުޅުމަކީ ހަމަށް ސާފުކަމާއި އޮމާންކަމާއި ތާޒާކަން ގެނެސްދޭނެ ކަމެކެވެ.

ލޭ މައްޗަށް ދިއުން ކޮންޓްރޯލް ކޮށްދޭ

ހާސްވެ ކަންބޮޑުވުމުގެ ސަބަބުން ލޭ މައްޗަށް ދިއުން ރަނގަޅު ކުރުމަށް އަލުވި ބޭނުން ކުރެވިދާނެ އެވެ. އެހެން ނަމަވެސް ލޭ މައްޗަށް ދަނީ ހަކުރު ބަލީގެ ސަބަބުން ކަމަށްވާނަމަ، އަލުވި ބޭނުންކުރުން އެދެވިގެނެއް ނުވެ އެވެ.