ރޭގަނޑު ދެބައި ވާއިރު ވެސް ލޮލަކަށް ނިންޖެއް ނާދެ އެވެ. ދެކޮޅަށް ފުރޮޅި ފުރޮޅި އޮވެވެނީ އެވެ. މިއީ ގިނަ ބައެއްގެ ހާލަތެވެ. ރޭގަނޑު ނިދަން އުނދަގޫނަމަ އެކަމަށް ހައްލު ހޯދަން އަމިއްލައަށް ވެސް މަސައްކަތް ކުރެވިދާނެ އެވެ.

މާގިނައިން ދުވާލު ނިދާކަމަށް ވާނަމަ، ރޭގަނޑު ނިދުމަށް ބުރޫ އަރާނެ އެވެ. ހާއްސަކޮށް ނިދަން އުނދަގޫވާ މީހެއް ކަމުގައި ވާނަމަ އެންމެ ގިނަވެގެން ވެސް ދުވާލު ނިދަންވާނީ 30 މިނެޓް ވަންދެންނެވެ.

ހަމައެހެންމެ ނިދާ ގަޑިއާ މާކައިރި ވެފައި ވަނިކޮށް ކަސްރަތު ކުރުން ވެސް ބުއްދިވެރިއެއް ނޫނެވެ. ސަބަބަކީ އެގަޑީގައި ހަށިގަނޑު މާބޮޑަށް "އެކްޓިވް" ވާތީ އެވެ. އެހެންކަމުން ތަންކޮޅެއް ކުރިން ކަސްރަތުކޮށް ނިންމާލާށެވެ. އާދަކޮށް ހެލިފެލިވެ އުޅުމުގެ ސަބަބުން، އޮށޯންނަ އިރަށް އަވަހަށް ނިދުމަށް އެހީވެދެ އެވެ. އަދިހަމަ އެހެންމެ، ހިތްހަމަޖެހިގެން ފުން ނިންޖަކުން ނިދާލެވެ އެވެ.

އަރާމު ނިންޖެއް ނިދާލުމަށްޓަކައި އަރާމު މާހައުލެއް ބިނާކުރުމަކީ ވެސް މުހިންމު ކަމެކެވެ. އަނދިރި، މަޑުމައިތިރި، އަދި މާ ހޫނު ނޫން މާހައުލެއް ބިނާކުރުމަށްޓަކައި ކޮޓަރީގައި އަނދިރި ކުލަތަކާއި އިއާ ޕުލަގްސް، އަދި ފަންކާ ބޭނުން ކުރެވިދާނެ އެވެ.

މީގެ އިތުރުން ތިމާއަށް އެންމެ އަރާމްވާނެ ފަދަ ގޮދަޑިއަކާއި ބާލީސް ހިޔާރުކުރުން އެދެވިގެންވެ އެވެ. އެހެންމީހަކާއެކީ އެނދު ހިއްސާކުރާނަމަ، ދެމީހުނަށްވެސް ތަން ކުޑަ ނުވާފަދަ ގޮތަކަށް އެނދު ބޭނުން ކުރާށެވެ.

އެއާއެކު މާގިނަ ކަންތައް ކުރަން ހުރުމާއި، މާގިނަ ކަންތަކާ ވިސްނަން ޖެހުމަކީ ވެސް ނިދަން އުނދަގޫ ވާނެ ކަންކަމެވެ. އެހެންކަމުން، މާދަމާ އަށް ކުރަން ހުރި ކަންތައްތައް ހިތުގައި ރާވާލައިފައި ހަމަޖެހިގެން ނިދަން އަރާށެވެ

މީގެ އިތުރުން ނިދާ ގަޑީގެ 30 މިނެޓު ކުރިން ފޯނާ ދުުރުވެލުމަކީ ވެސް ނިދަން ފަސޭހަކޮށްދޭ ކަމެއް ކަމުގައި މާހިރުން ބުނެ އެވެ.