މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް އެ ކޮމިޝަނުގެ މެމްބަރު މުހައްމަދު ފަޒީން އައްޔަނުކޮށްފި އެވެ.

ބްރޯޑްކޮމްގެ ނައިބު ރައީސަކަށް ފަޒީން އައްޔަނުކޮށްފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ގައިސް ކޮމިޝަންގެ މެމްބަރު ކަމުން މިމަހުގެ އަށް ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އެމަގާމުން އިސްތިއުފާ ދެއްވީ ރައީސް ސޯލިހުގެ ކެމްޕޭންގައި އުޅުއްވުމަށެވެ.

ބްރޯޑްކޮމްއިން ބުނީ އެކޮމިޝަންގެ ނައިބް ރައީސްގެ މަގާމަށް މިއަދު ފަޒީން އައްޔަން ކޮށްފައިވާ ކަމަށެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ފަޒީން އައްޔަންކުރެއްވީ 2021 ވަނަ އަހަރުގެ މާރިޗް މަހުގެ 7 ވަނަ ދުވަހު އެވެ. އޭނާ ވަނީ ވިލާ ކޮލެޖުން ޑިޕްލޮމާއިން އިންފޮމޭޝަން ޓެކްނޮލޮޖީ ހާސިލުކުރައްވައިފަ އެވެ. ހޮޓެލް އޮޕަރޭޝަންސްގެ ދާއިރާއިން ވެސް އޭނާ ތައުލީމު ހާސިލުކުރެއްވި އެވެ.

އޭނާ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވަން ފެއްޓެވީ 2012 ވަނަ އަހަރު ޗެނަލް ނިއުސް މޯލްޑިވްސް (ސީއެންއެމް)ގެ ސީނިއާ ޖާނަލިސްޓެއްގެ ގޮތުގަ އެވެ. އޭގެ ފަހުން ރާއްޖެ ޓީވީގައި ވެސް މަސައްކަތް ކުރެއްވި އެވެ.

ގައިސްގެ އިސްތިއުފާއާއެކު ހުސްވެފައިވާ މެމްބަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފަ އެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުގެ ފޯމު ބަލައިގަންނަން ހަމަޖެހިފައި ވަނީ މިމަހުގެ 22 އަދި 23 ވަނަ ދުވަހުގެ 9:30 އިން މެންދުރު 12:30 ގެ ނިޔަލަށް ކަމަށެވެ.