އޮމެގާ 3 ފެޓީއެސިޑަކީ ވަރަށް ގިނަ ފައިދާތަކެއް އެކުލެވިގެންވާ މާއްދާކެވެ. އޮމެގާ3 ފެޓީއެސިޑާ ގުޅޭގޮތުން ހެދިފައިވާ ދިރާސާތައް ދައްކާގޮތުން މިއީ ސިކުނޑިއަށާއި ހަށިގަނޑަށް ފައިދާހުރި މާއްދާއެކެވެ.

އެގޮތުން އޮމެގާ 3 ފެޓީއެސިޑަކީ ޑިޕްރެޝަނާއި އެންޒައިޓީއިން ދުރުކޮށްދޭ އެއްޗެކެވެ. ނަފްސާނީ މައްސަލަތައް ދިމާވާން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ޑިޕްރެޝަނެވެ. މި ބަލީގެ އަލާމާތްތައް ކަމުގައިވާ ހިތްދަތިކަމާއި މާޔޫސްކަމުން ދުރުކޮށްދިނުމަށް އޮމެގާ ފެޓީ އެސިޑްގައިވާ މާއްދާތައް އެހީވެދެ އެވެ.

ލޮލުގެ ފެނުމަށް ދިމާވާ ތަފާތު އެކިއެކި މައްސަލަތަކަކީ ސިއްހީގޮތުން ފަރުވާ ހޯދަންޖެހޭ މުހިންމު މައްސަލަތަކެކެވެ. އެގޮތުން އޮމެގާ 3 ފެޓީއެސިޑުގައި ހިމެނޭ ޑީއެޗުއޭ މާއްދާއަކީ ލޮލުގެ ރެޓިނާއަށް މުހިންމު މާއްދާއަކަށް ވާއިރު މި މާއްދާ ނުލިބޭނަމަ ފެނުމުގައި މައްސަލަތައް ކުރިމަތިވުމަކީ އެކަށިގެންވާ ކަމެކެވެ.

މާބަނޑު އަންހެނުން މާބަނޑު ދުވަސްވަރު އޮމެގާ 3 ބޭނުންކުރުމަކީ ބަނޑުގައި އޮންނަ ދަރިފުޅުގެ ހެދިބޮޑުވުމަށްވެސް ފައިދާކުރާ ކަމެކެވެ. އެގޮތުން ކުއްޖާގެ ސިކުނޑި ތަރައްގީވުމުގައާއި ކުއްޖާގެ ހެދި ބޮޑުވުމުގައި އޮމެގާ 3 ގެ ދައުރު ބޮޑެވެ.

އޮމެގާ 3ގެ ސަބަބުން ކުއްޖާގެ ވިސްނުމުގެ ބާރު ގަދަކޮށް ކުއްޖާގެ ވާހަކަދެއްކުމުގެ ހުނަރާއި އިޖުތިމާއީ ހުނަރުތައް ތަރައްގީވުމަށް މަގުފަހިކޮށްދެ އެވެ. މީގެ އިތުރުން ހެދިބޮޑުވުމުގައި ލަސްތައް ދިމާވުން ދުރުކޮށްދީ އޯޓިޒަމް ފަދަ ބަލިތަކުންވެސް ކުއްޖާ ރައްކާތެރިކޮށްދެ އެވެ.

ހިތުގެ ބަލިތަކަކީ ގިނަ ބަޔަކު ދުނިޔެ ދޫކުރާ މައިގަނޑު އެއް ސަބަބެވެ. ހިތުގެ ބަލި ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށްޓަކައިވެސް އޮމެގާ 3 ފެޓީއެސިޑަކީ މުހިންމު ދައުރެއް އަދާކޮށްދޭ އެއްޗެކެވެ. އެގޮތުން ލޭގެތެރެއިން ފެންނަ ފެޓްސްގެ މާއްދާއެއްކަމުގައިވާ ޓްރިގްލިސެރައިޑްސް 15 ޕަސެންޓާއި 30 ޕަސެންޓާ ދެމެދުގެ މިންވަރަކަށް މަދުކޮށްދެ އެވެ. އެއާއެކު ލޭގެ ޕްރެޝަރު ދަށްކޮށް ލޭހޮޅިތައް ބެދުމަށް މަގުފަހިވާ ނުރައްކާތެރި ބްލަޑްކޮލްޓްސް އުފެދުމުންވެސް ދުރުކޮށްދެ އެވެ.

އޮމެގާ 3 ފެޓީއެސިޑް އެންމެ ގިނައިން އެކުލެވިގެންވަނީ މަހުގެ ބާވަތްތަކުގައެވެ. އޭގެ އިތުރުން ވޯލްނަޓްސް އާއި ޗިއާ ސީޑްސް ފަދަ ބަދަނުގެ ބާވަތްތަކުންނާއި ސޯއީބީން އޮއިލް އަދި ކެނޯލާ އޮއިލް ފަދަ ގަސްގަހާގެހީގެ ތެލުންވެސް އޮމެގާ 3 ފެޓީ އެސިޑް ލިބެ އެވެ.

އެއިން ލިބޭ ފައިދާތަކަށްޓަކައި އޮމެގާ 3 އަކީ ކެއުމުގައި ހިމެނުން މުހިއްމު މާއްދާ އެކެވެ.