ހއ. ހޯރަފުއްޓާ އެއްފަޅެއްގެ ތެރޭގައި އޮންނަ އުނގުލުފިނޮޅާއި ހުވަހަންދޫއާ ދެމެދުން މިއަދު ފެނުނު ކިނބޫ ބޭރު ކަނޑަށް ދޫކޮށްލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ދިގުމިނުގައި ގާތްގަނޑަކަށް ހަ ފޫޓު ހުރި ކިނބޫ ފެނިގެން ރިޕޯޓްކުރުމާ އެކު އެ ކިނބޫ ހިފީ އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިންނެވެ. ކިނބޫ ފެނިފައި ވަނީ އެ ސަރަހައްދުގައި މަސްބާނަން ތިބި ބަޔަކަށެވެ. ސިފައިން ދިޔައިރު ، މަސްބާނަށް ތިބި މީހުން ވަނީ ކަންވާރަކުން އެ ކިނބޫ ބާނައިފަ އެެވެ. ކިނބޫ ދޫކޮށްލާފައި ވަނީ ހޯރަފުއްޓާ 24 ނޯޓިކަލް މޭލު ބޭރުން މާކަނޑަށެެވެ.

ސިފައިން އާއްމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ކިނބޫ ހިފުމަށް ފަހު އޭގެ އަނގަޔާއި ފައިތަކުގައި ވަނީ ޓޭޕް އަޅައިފަ އެވެ.

މި މަހު 14 ވަނަ ދުވަހު ވެސް ސިފައިން ވަނީ ކިނބުލެއް ހިފައިފަ އެވެ. ގާތްގަނޑަކަށް 14 ފޫޓު ހަތަރު އިންޗި ހުރި ކިނބޫ އެ ފަހަރު ހިފާފައި ވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ކ. ބޮލިދުއްފަރު ގޮނޑުދޮށާ ކައިރިންނެވެ. އެ ކިނބޫ ވަނީ ބޮލިދުއްފަރުގެ އިރުން 24 ނޯޓިކަލް މޭލު ބޭރަށް ދޫކޮށްލައިފަ އެވެ.

ހޯރަފުށީ ފަޅުތެރެެއިން ފެނިފައި ވަނީ ހަ ފޫޓު ދިގު ކިނބުލެއް. --ފޮޓޯ:އެމްއެންޑީއެފް

އިރުވައި މޫސުމުގެ ހަޅައިގެ ދުވަސްވަރު ގަދަ އޮއިވަރުގައި ޖެހިގެން ރާއްޖޭގެ އެކި ހިސާބުތަކުން މީގެ ކުރީގެ ބައެއް އަހަރުތަކުގައި ވެސް ވަނީ ކިނބޫ ފެނިގެން ރިޕޯޓްކޮށްފަ އެވެ. ކިނބުލަކީ އާއްމުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅޭ އެއްޗެއް ނޫނެވެ.