އދ.ގެ އެންމެ ބާރުގަދަ ގުނަވަންކަމަށްވާ އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެންބަރުކަމަށް އިންޑިއާ އިންތިޚާބުކުރަން ދިވެހިރާއްޖެއިން ތާއީދުކުރާކަން ހާމަކޮށްފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ ސަލާމަތީ މަޖިލީހުގެ މެމްބަރުކަން އިންޑިއާ އަނެއްކާވެސް ދޭން ރާއްޖެއިން ތާއީދުކުރާނެ ކަން ހާމަކުރީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ދާދިފަހުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ ބައިނަލްއަގްވާމީ ސުލްހައާއި ސަލާމަތް ނެގެހެއްޓުމުގައި އިންޑިއާއިންވަނީ ވަރުގަދަ އަދި ހަރުދަނާ ލީޑާޝިޕެއް ދައްކުވައިދީފައި ކަމަށެވެ. އަދި އ.ދގެ ޗާޓަރުގައި ހިމެނޭ އަގުތަކާއި މަބްދައުތަކަށް ވަރުގަދައަށް އިންޑިއާއިން ތާއީދުކުރާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އިންޑިއާއިން ކުރިމަތިލާފައިވަނީ އދގެ ސަލާމަތީ މަޖިލީހުގެ 2028-2029 ދައުރަށެވެ.

ސަލާމަތީ މަޖިލީހަކީ އދ. ގެ މެމްބަރުންގެ މެދުގައި އެންމެ ވާދަވެރިކަން އޮންނަ ކައުންސިލެވެ. މި ކައުންސިލަކީ ގައުމުތަކާ ދެކޮޅަށް އަސްކަރީ އަދި އިގްތިސާދީ ފިޔަވަޅު އެޅުމުގެ ބާރު އޮންނަ ހަމައެކަނި ގުނަވަނެވެ.

ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންނަކީ އެމެރިކާ އާއި ރަޝިއާ އާއި ޗައިނާ އާއި ފްރާންސްގެ އިތުރުން އިނގިރޭސިވިލާތެވެ. ވީޓޯ ބާރު ލިބެނީ މި ފަސް ގައުމަށް އެކަންޏެވެ. ދެން ތިބޭނީ އެކި ސަރަހައްދުތަކުން ދެ އަހަރުގެ މުއްދަތަކަށް ހޮވާ ވަގުތީ ގޮތުންނެވެ. އެކަމަކު ވަގުތީ މެމްބަރުންނަށް ވީޓޯ ބާރެއް ނޯންނާނެ އެވެ.