ކ. އަތޮޅު ވާވެއްދިފަރަށް ބާޖަކާއި ޓަގެއް އެރުމުން ލިބުނު ގެއްލުންތަކާ ގުޅިގެން އެ ދެ އުޅަނދުގެ ވެރިފަރާތް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ. ދެ އުޅަނދު ފަރަށް އަރާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 23 ގަ އެވެ.

އޭއެމް އޭއޭޖީއޭއެމް ބާޖާއި އޭއެމް އޭއެލްޕީއައިޓީގެ ވެރިފަރާތަކީ ދި މިޑްލްއީސްޓް މެރިން އެލްއެލްސީ އެވެ.

އީޕީއޭއިން ބުނީ މި އުޅަނދުތައް ފަރަށް އެރުމާޢި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނާ އެއްގޮތަށް އަމަލުކުރެވޭނެ ކަމަށެވެ. ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ފަރާތަށް އަންގާފައި ވާ ކަމަށް އީޕީއޭއިން ބުނެފައިވެ އެވެ.

މި އުޅަނދުތައް ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އީޕީއޭއިން ވަނީ ނިމިދިޔަ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު އެ ސަރަހައްދަށް ގޮސް ސާވޭކޮށްފައި ކަމަށް އީޕީއޭއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ. އަދި އެ އުޅަނދުގެ ވެރިފަރާތުން ކުރި ސާވޭގައި އެޖެންސީން ވަނީ އޮބްޒަވަރޭޓަރެއްގެ ގޮތުގައި ބައިވެރިވެފައި އެވެ. މިގޮތުން، ބެލި ބެލުމުގައި އެ ފަރުގެ 3،926 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަން އީޕީއޭއިން ފާހަގަކުރި އެވެ.

އީޕީއޭއިން އިތުރަށް ބުނެފައިވަނީ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ އަދަދަކީ 148 މިލިއަން ރުފިޔާ ކަމަށެވެ. އެހެން ނަމަވެސް، ގާނޫނުން ޖޫރިމަނާގެ ގޮތުގައި ކަނޑައަޅާފައިވަނީ އެންމެ ބޮޑު އަދަދަކަށް 100 މިލިޔަން ރުފިޔާ ކަމަށް އެ އެޖެންސީން ބުނެފައިވެ އެވެ.

ބާޖު ފަރަށް އަރައިގެން ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހާ އެކު ފެށުމަށް ކުރަންޖެހޭ ކަންތައްތައް މި މައްސަލާއިގެ އިސްތިއުނާފް މަރުހަލާއިން ނިންމާ ގޮތެއްގެ މަތިން ފެށުމަށް ހަމަޖެހިފައިވާ ކަމުގައި އީޕީއޭއިން ބަޔާންކޮށްފައިވެ އެވެ.