ތުރުކީގެ މަޝްހޫރު އަޝްޓާޝް ހޯލްޑިންގް އިން ދިވެހިރާއްޖޭގައި 120 ވިލާގެ މައްޗަށް އެކުލެވޭ 300 މިލިއަން އެމެރިކާ ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ގައުމުން ބޭރުގައި އެ ކުންފުނިން ހިންގާ ފުރަތަމަ މި ބޮޑު މަޝްރޫއުގެ ފަރުމާ ހަނދުފަޅިއާއި ތަރީގެ ސިފައަށް ބައްޓަންކުރުމާމެދު މިހާރު ދަނީ މަޝްވަރާކުރަމުންނެވެ.

މި މަޝްރޫއަކީ ގާތްގަނޑަކަށް 300 މިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެކެވެ. ރިސޯޓުގެ ތެރޭގައި ސްޕާ އާއި މަތީ ފަންތީގެ ރެސްޓޯރަންޓުތަކާއި ދިރިއުޅުމުގެ އެންމެހާ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިތަން ހިންގާނެ ބައިނަލްއަގުވާމީ ލަގްޒަރީ ހޮޓެލް ބްރޭންޑަކާ އެކު މިހާރު ވެސް އަންނަނީ މަޝްވަރާތައް ކުރަމުންނެވެ. މިއީ ތުރުކީގެ ބާޒާރުގައި ވިޔަފާރި ފުޅާކޮށްފައިވާ އަޝްޓާޝް ހޯލްޑިންގް އިން ރާއްޖޭގައި ހިންގާ ފުރަތަމަ މަޝްރޫއެވެ.

މި މަޝްރޫއު ކުރިއަށް ގެންދަވަނީ އަޝްޓާޝް ހޯލްޑިންގް އަދި މެންޑަރިން އޮރިއެންޓަލް ބޮޑްރަމްގެ ވެރިޔާ ވެދާތު އާޝްޗީގެ ބެއްލެވުމުގެ ދަށުންނެވެ. އޭނާގެ އަމާޒަކީ ތުރުކީގައި ހުރި އޭނާގެ ޕްރޮޕަޓީތަކުން ފެންނަ ލަގްޒަރީ މިންގަނޑުތައް ރާއްޖެއަށް ތައާރަފްކުރުމެވެ.

އާޝްޗީ 1980 ވަނަ އަހަރު ޖަރުމަނުވިލާތުގައި އުފެއްދި މި ކުންފުންޏަކީ މިހާރު ތުރުކީގެ އެންމެ ފާހަގަކޮށްލެވޭ ލަގްޒަރީ ރިއަލް އެސްޓޭޓް އަދި ހޮސްޕިޓަލިޓީ ޑިވެލޮޕަރެވެ. ރިސޯޓުގެ ފަރުމާއާ ގުޅޭގޮތުން ދެ ކޮންސެޕްޓެއް މިހާރު ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރެއިން އެއް ކޮންސެޕްޓަކީ ހަނދުފަޅިއާއި ތަރީގެ ބައްޓަމަށް ތައްޔާރުކޮށްފައިވާ ޑިޒައިނެކެވެ.

އަނެއް ކޮންސެޕްޓަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާ ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ކްލެސިކް ލެގޫން ސްޓައިލްގެ ފަރުމާއެކެވެ. އިންވެސްޓަރާއި ބައިނަލްއަގުވާމީ ހޮޓެލް ޕާޓްނަރު ގުޅިގެން މި ދެ ޑިޒައިންގެ ތެރެއިން އެންމެ އެކަށީގެންވާ ގޮތެއް ވަރަށް އަވަހަށް ކަނޑައަޅާނެ އެވެ. އަޝްޓާޝް ހޯލްޑިންގް އަކީ އިސްތަންބޫލްގެ ކެމްޕިންސްކީ ރެސިޑެންސަސް އެސްޓޯރިއާ ފަދަ ބޮޑެތި މަޝްރޫއުތައް ކާމިޔާބުކަމާއެކު ހިންގާފައިވާ ކުންފުންޏެކެވެ.

މީގެ އިތުރުން ބޮޑްރަމްގެ މެންޑަރިން އޮރިއެންޓަލް ބޮޑްރަމް އަކީ ދުނިޔޭގެ މުއްސަނދި ފަތުރުވެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތަނެކެވެ. ރާއްޖޭގެ މި މަޝްރޫއަކީ އެ ކުންފުނީގެ ދިގު މުއްދަތުގެ ލަގްޒަރީ ހޮސްޕިޓަލިޓީ ސިޔާސަތު ބައިނަލްއަގުވާމީ ފެންވަރެއްގައި ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.