ވޮޝިންޓަން (25 ޖެނުއަރީ) އިންޑިއާއާއި ޕާކިސްތާނުގެ ދެމެދުގައި ނިއުކްލިއާ ހަނގުރާމައެއް ފެށުމާ ގާތަށް ދިޔަ ކަމަށާއި މަޝްރަހު ފިނިކުރީ އެމެރިކާއިން މެދުވެރިވެގެން ކަމަށް ބުނެފި އެވެ.

އެމެރިކާގެ ކުރީގެ ސެކެޓްރެރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ އޭނާގެ ހަޔާތްޕުޅާ ބެހޭގޮތުން ލިޔެ ނެރުއްވި ފޮތެއްގައި ބުނެފައިވަނީ 2019 ވަނަ އަހަރު ދެކުނު އޭޝިއާގެ ސުލްހަ ދެމެހެއްޓުމުގައި އެމެރިކާގެ ދައުރު ބޮޑު ކަމަށެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވަރަށް ގާތުން މަސައްކަތް ކުރެއްވި ޕޮމްޕިއޯ ވަނީ އިންޑިއާއާއި ޕާކިސްތާނުގެ މަޝްރަހު 2019 ވަނަ އަހަރު ވަރަށް ބޮޑަށް ހޫނުވި ކަމަށާއި ނިއުކްލިއާ ހަނގުރާމައެއް ނުފެށި ދިޔައީ ހަމަ ކިރިޔާ ކަމަށެވެ.

"އިންޑިއާއާއި ޕާކިސްތާނުގެ މެދުގައި ނިއުކްލިއާ ހަނގުރާމައެއް ފެށުމާ ހަމައަށް ދިޔަަކަން އެނގޭ މީހުން ވަރަށް މަދުވާނެ" ޕޮމްޕިއޯ އޭނާގެ ފޮތުގައި ބުނެފައިވެ އެވެ.

ޕޮމްޕިއޯ އތުރަށް ބުނީ ޕާކިސްތާނުން ހަނގުރާމައަށް ބޭނުންވާ ހަތިޔާރުވެސް ތައްޔާރުކުރި ކަމަށާއި އެހެން ނަމަވެސް އެމެރިކާގެ އެހީއާއެކު މަޝްރަހު ފިނިކުރެވުނު ކަމަށެވެ.

2019 ވަނަ އަހަރު ޕާކިސްތާނަށް ނިސްބަތްވާ ޓެރަރިސްޓް ޖަމާއަތަކުން ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި އިންޑިއާގެ ސިފައިންތަކެއް މަރުވި ކަމަށް ބުނެ ސުލްހައިގެ އެއްބަސްވުން އުވާލައި ޕާކިސްތާނަށް ވައިގެ ހަމަލާތަކެއް ދީފަ އެވެ.

އެމެރިކާ ފިޔަވައި އެެހެން އެއްވެސް ގައުމަކުން އެވަގުތު އެ މަޝްރަހު ފިނިކުރަން މަސައްކަތް ކޮށްފައިނުވާ ކަމަށް ވެސް ޕޮމްޕިއޯ ބުނެފައިވެ އެވެ.