ބުރުގާ އަޅަން ފެށުމާއެކު ބައެއް ކުދިން އިސްތަށިގަނޑާމެދު ފަރުވާ ކުޑަކުރެ އެވެ. ގިނަ ވަގުތު ބުރުގާ އަޅައިގެން އުޅެން ޖެހޭތީ އިސްތަށިގަނޑު ނުފެންނާނެ އޭ ކިޔާފަ އެވެ. އެގޮތުން ފުނާ ނާޅާ ވެސް އެތައް ދުވަހަކު ބަހައްޓަ އެވެ.

ބުރުގާ އެޅުމުން ގިނަ އިރު އިސްތަށިގަނޑު އޮންނާނީ ބަންދުވެފަ އެވެ. އެކަމުން އިސްތަށިގަނޑަށް ގެއްލުން ވިޔަ ނުދިނުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ.

އެހެން ކަމުން މި ހިއްސާކޮށްލަނީ ބުރުގާ އެޅިޔަސް އިސްތަށިގަނޑު ރީތިކޮށް އަދި ވަރުގަދަކޮށް ބޭއްވުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

ހެއާ ސަޕްލިމެންޓެއް ބޭނުން ކުރުން

މާގިނައިން އިސްތަށި ފައިބާ ނަމަ ކޮލާޖެން ނުވަތަ ބައޮޓިން ބޭނުންކުރެވިދާނެ އެވެ. އޭގެ ސަބަބުން އިސްތަށިގަނޑު އަލުން ވަރުގަދަ ކުރުމަށް އެހީތެރިވެދޭނެ އެވެ.

މާ ބާރަށް ހުޅި ޖަހާފައި ނުބެހެއްޓުން

ބުރުގާ އަޅާ ބައެއް މީހުން ބޮލުގައި ރިއްސާއޭ ބުނާ އަޑު ވަރަށް ގިނައިން އިވެ އެވެ. އަދި މިހެންވެ ބުރުގާ އެޅުން ހުއްޓާލާ މީހުން ވެސް އުޅެ އެވެ. މިހެން ދީމާވާ އެންމެ އާންމު ސަބަބަކީ މާ ބާރަށް އިސްތަށިގަނޑު އައްސާފައި ނުވަތަ ހުޅި ޖަހާފައި ބޭއްވުމެވެ. މީގެ ހައްލަކީ ވީހާވެސް ދޫކޮށް ބޯ އައްސާފައި ނުވަތަ ހުޅި ޖަހާފައި ބޭއްވުމެވެ.

ދޫކޮށް ބުރުގާ އެޅުން

މާ ބާރަށް ބުރުގާ އަޅާ ނަމަ ނިތްކުރީގައި ހުންނަ އިސްތަށި ފޭބުމަށް މެދުވެރިވެ އެވެ. އަދި ބޮލުގައި ވެސް ރިއްސާނެ އެވެ. އެހެން ކަމުން ވީހާވެސް ދޫކޮށް ނުވަތަ ދެމޭ ފޮތީގެ ބުރުގާ އެޅުން ރަނގަޅެވެ.