މެޖިސްޓްރޭޓަކާއި ގާޒީއެއްގެ ސުލުކީ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީއިން ސުލޫކީ މައްސަލަ ބަލަމުން އަންނަނީ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޒިޔާދާ ތޯހިރުގެ ސުލޫކީ މައްސަލައަކާއި ސިވިލް ކޯޓުގެ ގާޒީ ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެކެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައާއި ކޯޓު ހަވާލުވުމުގެ ކަންކަމުގައި އަދި އެ ކޯޓުން ހިންގަންޖެހޭ ޝަރީއަތުގެ މަޖްލިސްތައް ހިންގުމުގައި ޒިންމާދާރުކަން ކުޑަކޮށް، މެޖިސްޓްރޭޓް ޒިޔާދާ ޠާހިރު އަމަލުކޮށްފައިވާކަމަށް ބުނާ މައްސަލަ ބެލުމަށް ނިންމާފައިވާކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް ތަހްގީގު ކޮމިޓީއެއް އެކުލަވާލެވިފައިވާކަމަށްވެސް ޖޭއެސްސީން ބުނެ އެވެ.

ސިވިލް ކޯޓުގެ ގާޒީ ފައްޔާޒް ޝާތިރުއާ ގުޅޭގޮތުން ބަލަނީ ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައެއްގެ އަޑުއެހުންތައް ނިންމާލުމަށްފަހު، މައްސަލައިގެ ހުކުމް ނުކޮށް އެއް އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް މައްސަލަ ކުރިއަށްގެންދިޔުމުގައި ފަރުވާކުޑަކޮށްފައިވާކަމަށް ބުނާ މައްސަލައެކެވެ.

މި މައްސަލަ ވެސް ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް ނިންމައި، މައްސަލަ ތަހްގީގު ކުރުމަށް ކޮމިޓީއެއް ވަނީ އެކުލަވާލާފަ އެވެ.