ބޮލީވުޑުން އެންމެ ފަހުން ނެރުނު ފިލްމު "ޕަތާން" ގައި ތަޅާފޮޅާބައި ކުޅެން އެންމެ މޮޅީ އެ ފިލްމުގެ ބަތަލާ އަދި ބޮލީވުޑްގެ މަޝްހޫރުތަރި ދީޕިކާ ޕަޑުކޯންކަމަށް ޝާހުރުކް ޚާން ބުނެފި އެވެ.

"ޕަތާން" އަކީ 2019 ވަނަ އަހަރު ދެއްކި އެންމެ ކާމިޔާބު ބޮލީވުޑް ފިލްމު ކަމަށްވާ "ވޯ" ގެ ޑައިރެކްޓަރު ސިދާތު އާނަންދު، ޔާޝްރާޖް ފިލްމްސް، ވައިއާރްއެފް އަށް ހަދާފައިވާ ފިލްމެކެވެ. މީގެ ވިލަންގެ ރޯލުން ޖޯން އަބްރަހެމް ފެނިގެންދާއިރު، ބަތަލުގެ ރޯލުން ޝާހުރުކް ޚާން އަދި ބަތަލާގެ ރޯލުން ދީޕިކާ ޕަޑުކޯން ފެނިގެން ގޮސްފައިވެ އެވެ.

ފިލްމުގައި ދީޕިކާ 'ރުބީނާ'ގެ ރޯލު ކުޅެދީފައިވާއިރު، ދީޕިކާވެސް ފެނިގެން ގޮސްފައިވަނީ ފައިޓްކުރާ ރޯލަކުންނެވެ. އަދި ދީޕިކާގެ ރޯލަށް އާންމުންގެ އިތުރުން ފިލްމުގެ މައިގަނޑު ރޯލެއް އަދާކުރާ ޝާހުގެ ތައުރީފުގެ ބަސްތައްވެސް ލިބިފައިވެ އެވެ. އެގޮތުން ޝާހު ވަނީ އެ ފިލްމުގައި އެންމެންގެ ތެރެއިންވެސް ފައިޓްގެ ރޯލަށް އެންމެ މޮޅީ ދީޕިކާ ކަމަށް ބުނެފަ އެވެ.

ޕަތާން ރިލީޒްކުރާނެ ދުވަހަކަށް ފޭނުން އިންތިޒާރުކުރަމުން ދަނިކޮށް ފިލްމު ރިލީޒްކުރީ މިމަހުގެ 25 ވަނަ ދުވަހުގަ އެވެ. އަދި އެ ފިލްމަށް ފަސް ދުވަހުގެ ތެރޭގައި 55 ކްރޯރު ރުޕީސްގެ ފައިދާއެއް ލިބިފައިވެ އެވެ.

އަށް ގައުމެއްގައި ޝޫޓްކޮށްފައިވާ "ޕަތާން" އަކީ 2018 ވަނަ އަހަރު ދެއްކި ބޮޑު ފްލޮޕް "ޒީރޯ" އަށް ފަހު، ޝާހްރުކް ލީޑް ރޯލުކުޅޭ ފުރަތަމަ ފިލްމެވެ. މި ފިލްމުގައި ޝާހްރުކް ފެނިފައިވަނީވެސް ވަރަށް ތަފާތު ލުކެއްގަ އެވެ.