މާލޭގައި ސުޕަ މާކެޓަކާއި ހާޑުވެއާ ދެ ފިހާރަ އާއި ފުވައްމުލަކުގައި ހާޑްވެއާ ފިހާރައެއް ކާމިޔާބުކަމާއެކު ހިންގާ ނިޒާރު އަހުމަދަކީ އަމިއްލަ ވިޔަފާރިއެއް ކުރުމަށް ކުރިން ވިސްނި މީހެއް ނޫނެވެ. ވިޔަފާރީގެ ތެރެއަށް ވަނުމުގެ ކުރިން، މާލޭގައި އޭރު ހިންގި "ފުވައްމުލަކު ޓެއިލާސް"ގައި ފެހުމުގެ މަސައްކަތް ކުރިއިރު، އެ ދުވަސްވަރަށް ބަލާއިރު އެ މަސައްކަތުން ރަނގަޅު އާމްދަނީ ނިޒާރަށް ލިބުނެވެ.

އަމިއްލަ ވިޔަފާރީގެ ތެރެއަށް ނިޒާރަށް ވަދެވުނީ ފެހުމުގެ މަސައްކަތުގެ ތެރޭގައި އުޅެނިކޮށް، އޭރު މާލޭގައި އޭރު ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުން ގެންދިޔަ މަޝްހޫރު ވާދީ ޓްރޭޑާސްގެ ވެރިޔާ މުހައްމަދު އަހުމަދު ދީދީ (ވާދީ މުހައްމައިދީ) ނިޒާރު ފިހާރައިގެ ވަޒީފާއަށް ގެންދިޔަ ހިސާބުންނެވެ.

ފުވައްމުލަކު ވާދީގެ، މުހައްމަދު ދީދީއަކީ ނިޒާރުގެ ޅިޔަނެކެވެ. އޭގެ އިތުރުން ނިޒާރު އޭރު މަސައްކަތް ކުރަމުން ގެންދިޔަ ފުވައްމުލަކު ޓެއިލަރުގެ ވެރިޔާ މުހައްމަދު ވަސީމަކީ ވެސް އާއިލީ ގޮތުން މުހައްމަދު ދީދީއާ ގާތް މީހަކަށް ވުމުން ނިޒާރު ވާދީ ފިހާރައަށް ގެންދިއުން އޮތީ އާއިލީ ގުޅުމެއްގެ ތެރެއަށް ފެތިފަ އެވެ. އެކަމުގައި ކަންތައް އޮތީ ނިޒާރަށް މާބޮޑު ބާރެއް ނުވެ ވެސް ފޯރާ ފަދަ ގޮތަކަށެވެ.

ހަނީވިއު ހާޑްވެއާ އާއި ފެމިލީ ޕްލާޒާ އާއި ފުވައްމުލަކުގައި ވަން އިލެވެންގެ ނަމުގައި ޖުމްލަ 4 ފިހާރަ ހިންގަމުން އަންނަ، ނިޒާރު ވާދީ ފިހާރާގައި މަސައްކަތް ފަށައިގަތްއިރު އޭނާގެ ޒިންމާއަކަށް އޮތީ އެ ފިހާރައިގެ ލިޔެކިޔުންތަކާއި ހިސާބު ބެލެހެއްޓުމުގެ މަސައްކަތެވެ. އޮފީހުގައި ކުރަންޖެހޭ ލިޔެކިޔުމާ ބެހޭ ގިނަ މަސައްކަތްތަކެއް ކުރަމުން ގޮސް ވިޔަފާރީގެ ތަފަތު ގިނަ ޒިންމާތަކެއް އުފުލަން ނިޒާރަށް ޖެހުނުއިރު ވެސް ނިޒާރު ބުނާ ގޮތުން ނަމަ އޭނާއަށް އެއްވެސް މުސާރައެއް ކަނޑައެޅިފައެއް ނެތެވެ.

އޭރު ނިޒާރަށް ވިސްނިފައި އޮތީ ފެހުމުގެ މަސައްކަތުން ލިބުނު މިންވަރުގެ އާމްދަނީއެއް އެންމެ މަދުވެގެން ވެސް ލިބޭނެ ކަމަށެވެ. ނުވަތަ އެއަށް ވުރެ ރަގަޅުވާނެކަމުގެ އުއްމީދު ވެސް އޮތެވެ. އެ އުއްމީދުތަކުގެ ސާފު ކުލަ ޖެހުނު ދުވަހަކީ ފިހާރާގައި ވަޒީފާ އަދާކުރަން ފެށިތާ ދެ އަހަރުވީ ފަހުން ރަށަށް ދާން ލާރިކޮޅެއް ބޭނުންވެގެން މުހައްމައިދީ ގާތު އެކަމަށް އެދުނު ހިސާބުންނެވެ.

"އެއީ ވަރަށް ދެރަވި ދުވަހެއް. ސޭޓު ކައިރީ ލާރިކޮޅެއް ބޭނުންވާ ވާހަކަ ބުނީމާ ބުނީ ކިހާ ވަރެއްހޭ ބޭނުމީ. ދެން ބުނެފިން 12،000 ވަރު ރަނގަޅު ވާނެއޭ،" ފުވައްމުލަކަށް އުފަން ނިޒާރު ބުންޏެވެ.

ނިޒާރުގެ އަމިއްލަ ކަލްކިއުލޭޝަނަށް ބަލާ އިރު އޭރު ނިޒާރުގެ މުސާރައިގެ ގޮތުގައި ގާތްގަނޑަކަށް 70،000 ރުފިޔާ ހުންނާނެ އެވެ. އެ ހިސާބު ނިޒާރު ހެދީ ފިހާރައަށް ދިއުމުގެ ކުރިން ކުރަމުން އައި ފެހުމުގެ މަސައްކަތުން އެވްރެޖްކޮށް މަހަކަށް ލިބެމުން ދިޔަ 3،000 ރުފިޔާ އާ އެއްވަރު އަދަދެއް ފިހާރައިން ލިބޭނެ ކަމަށް ބަލައިގެންނެވެ.

ފުވައްމުލަކުގެ އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ ނިޒާރު އަހުމަދު

ނިޒާރު ބުނި ގޮތުގައި ބޭނުންވާ ފައިސާގެ އަދަދު ބުނުމުން މުހައްމައިދީ ކުޑައިރުކޮޅު މަޑުކޮށްގެން އިރުކޮޅަކު ހުރެފައި "އަދި މުސާރައެއް ވެސް ކަނޑަނޭޅޭ ދޯ" އޭ ބުންޏެވެ. ދެން ނިޒާރު ގާތުން އެހީ ކިހާ ވަރެއް ރަނގަޅުވާނެ ހެއްޔެވެ. ނިޒާރު ބުނިގޮތުން އެ ސުވާލުގެ ޖަވާބުގައި އޭނާ ބުނީ އެކަން އެނގޭނީ މުހައްމައިދީއަށް ކަމަށެވެ.

މުހައްމައިދީގެ ޖަވާބަކަށްވީ 600 ރުފިޔާ ކިހިނެއް ވާނެ ހެއްޔެވެ. ނިޒާރަށް ޝޮކެއް ޖެހުނު ހިސާބަކީ އެއީ އެވެ. އެކަން އޭނާގެ މޫނުން ފާހަގަވާވަރުވި އެވެ. އެހެންކަމުން މުހައްމައިދީ ބުނީ އެއީ ހަމަ ރަމްޒީ އެއްޗެއްކަމަށެވެ.

ނިޒާރު ބޭނުން ކޮންމެ ކަމެއް ކޮށްދޭނެ ކަމަށާއި މުސާރައާ ދޭތެރޭ ވިސްނާނެ ކަމެއް ނެތް ކަމަށެވެ. އެ ދުވަހުގެ ބައްދަލުވުން ނިންމުނު އިރު ނިޒާރު އެދުނު 12،000 ރުފިޔާގެ ބަދަލުގައި ލިބުނީ 5،000 ރުފިޔާ އެވެ.

ނިޒާރު ކިޔާ ދިން ގޮތުގައި އެ ދުވަހުގެ އެ ބައްދަލުވުމުގައި ބުނި ގޮތަށް އޭނާއަށް މުހައްމައިދީގެ ހެޔޮކަމާ ދީލަތިކަން ވަރަށް ރަނގަޅަށް ވެސް އޮތެވެ. އަމިއްލަ އިސްނެގުމުގެ މަތިން ރަށުގައި ގެއެއް ވެސް އަޅައިދިނެވެ. އެއާއެކު ދުވަހެއް ދުވަހަކަށް ނިޒާރުގެ މަސްއޫލިއަޔަތާއި ޒިންމާތައް ވެސް އައީ ގިނަ ވަމުންނެވެ. 1988 ވަނަ އަހަރު ވާދީހާޑު ވެއާ ހުޅުވައި އެ ފިހާރައިގެ ހުރިހާ މަސްއޫލިއްޔަތެއް ނިޒާރާ ހަވާލުކުރީ ފައިދާގެ 10 ޕަސެންޓު ލިބޭނެ ކަމުގައި އަނގަބަހުން ދިން ޔަގީންކަމަކާ އެކު އެވެ.

ވާދީ ހާޑުވެއާގެ ވިޔަފާރި ވަރަށް ރަނގަޅަށް ކުރިޔަށް ދަނިކޮށް ވާދީ ޓްރޭޑާސްގެ ވިޔަފާރީގެ މިސްރާބު ބަދަލުކޮށް މަލްބަރޯ ސިނގިރެޓާއި ޝިޕިންގެ ވިޔަފާރީގެ ތެރެއަށް ވަނެވެ. މަލްބަރޯއަކީ ފައިދާ ލިބޭ ވިޔަފާރިއަކަށްވެފައި ޝިޕިން އިން ވެސް ފުރަތަމަކޮޅު ގިނަ ވިޔަފާރިތަކެއް ލިބެން ފެށުމާއެކު ހާޑުވެއާގެ ވިޔަފާރީގެ މާބޮޑު ބޭނުމެއްނެތް ކަމަށް ބަލައި 2000 ޓަނުގެ އާގު ބޯޓެއް ގަތް ހިސާބަކީ ވާދީ ޓުރޭޑާސްގެ ވިޔަފާރިއަށް ބޮޑު ބުރުލެއް އެރި ކަމަކަށްވި އެވެ. އެ ބޯޓު ގަނެ ހިންގި މުއާމަލާތްތަކުގައި ދިމާވި ބޮޑު މައްސަލައެއްގެ ހައްލު ނިޒާރު ހޯދައިދިނުމާ ވިދިގެން މުހައްމައިދީގެ އަމިއްލަ އިސް ނެގުމަކަށް ވިޔަފާރީގެ 25 ޕަސެންޓު ހިއްސާ ނިޒާރަށް ދިނެވެ. އެ މުއާމަލާތް އަނގަ ބަހުން ކުރެވުނުތާ 1 އަހަރު ފަހުން އެގްރިމެންޓްކޮށް ރަސްމީކުރެވުނެވެ.

ނިޒާރު ބުނި ގޮތުގައި ވިޔަފާރީގެ ހިއްސާ ނިޒާރަށް ދިން ފަހުން މާގިނަ ދުވަހެއް ނުވެ، ކަންތައްތައް ބަދަލުވާން ފެށި އެވެ.

މަސައްކަތުގައި ކުރިން ނޫޅޭ އާއިލީ ބަޔަކު އައިސް ވިޔަފާރީގެ ތެރެއަށް ވަދެ، އެކަށީގެން ނުވާ ފަދަ އިންވެސްޓްމެންޓްތައް ކޮށް ވިޔަފާރި ބޮއްސުން ލާންފެށި އެވެ. އެއާއެކު އެއްދުވަހަކު ނިޒާރު އޮފީހަށް ގެންގޮސް މުހައްމައިދީ އެންގީ ނިޒާރު ދެން ފިހާރައިގެ ކަންތަކުގައި އުޅުމުގެ ބޭނުމެއް ނެތް ކަމަށާއި އޮފީހުގައި ހުރުމުން ފުދޭނެ ކަމަށެވެ.

ވާހަކަ އެގޮތަށް ހުރުމުން ނިޒާރު އެދުނީ ވިޔަފާރިއަށް އޭނާ އިތުރަށް ބޭނުންނުވާ ކަމަށްވާ ނަމަ އޭނާގެ ހިއްސާދީފައި ދޫކޮށްލުމަށެވެ. އެހެން ނަމަވެސް އެ ބައްދަލުވުން ވަކި ކޮޅެއްގައި ނުޖެހި ނިމުނު ފަހުން ނިޒާރަށް ސިޓީއެއް ލިބުނީ ވިޔަފާރީގެ މަސްއަކަތަށް މިވަގުތު ނިޒާރު އިތުރަށް ބޭނުން ނުވާތީ ވަޒީފާއިން ވަކިކުރި ކަމަށެވެ. އެ ހިސާބުން ފިހާރައިގައި އޮތް ނިޒާރުގެ 25 ޕަސެންޓުގެ ވާހަކައެއް ވެސް ނެތެވެ. ނިޒާރަށް ޖެހުނީ ހުސްއަތާ ނިކުމެގެން ދާށެވެ.

އަމިއްލަ ވިޔަފާރިއެއް ފެށުމަށް ނިޒާރަށް ވިސްނަން މަޖުބޫރުކުރުވި ހިސާބަކީ އެއީ އެވެ.

ނިޒާރު ބުނި ގޮތުގައި ފިހާރައިން ވަކިކޮށް ލިބުނު ސިޓީއާއެކު އެތައް އަހަރަކު އަމިއްލަ ހިއްސާވާ ވިޔަފާރިއެއް ކަމަށް ބަލައިގެން ކުރި މަސައްކަތުން ލިބުނު ފައިދާއެއް ވެސް ނުލިބި ނިމުނީ އެވެ. އެގްރިމެންޓާ ލިޔެކިޔުންތައް ހުރިތާ ހުރީ އެވެ. ނިޒާރަށް ޖެހުނީ ހުސްއަތާ ނިކުމެގެންދާށެވެ.

އެތައް ޒަމާނެއް ވަންދެން އެ މަސައްކަތަކަށް ހުރިހާ ވަގުތެއް ހުސްކޮށްގެން ކުރަމުން އައި މަސައްކަތުން އަތް ދޫކޮށްލައި ހުސްއަތާ ނިކުތްއިރު ނިޒާރުގެ ބަހުންނަމަ ހަދާނެ ގޮތަކާމެދު ވަރަށް ކަންބޮޑުވި އެވެ. އަލުން މަސައްކަތެއް ފަށައިގަންނަން ބޭނުން ވާނެ އެއްވެސް ފައިސާއެއް އަތުގައި ނެތެވެ.

ނިޒާރު އަހުމަދު މާލޭގައި ހިންގާ ހަނީ ވިއު ހާޑްވެއާ ފިހާރަ

އެ ހިސާބުން ނިޒާރުގެ މާޔޫސްކަމަށް ނިމުން ގެނެސްދިނީ ބާޒާރުގައި ތިބި ރައްޓެހި ވިޔަފާރިވެރިންނެވެ. އޭގެ ތެރެއިން ވަކި ޚާއްސަ މީހެއްގެ ނަން ބުނުމަށް ފަހު ނިޒާރު ބުނީ އޭނާއަށް ވިޔަފާރިކުރަން ފަށަން ހިތްވަރުދެމުން ބޭނުންވާ ހުރިހާ މުދަލެއް އެ މީހުންގެ އަތުން ލިބޭނެ ކަމަށ ބުނުމުން އެ ވާހަކަ ގަބޫލުކުރަން ވެސް ދަތިވި ކަމަށެވެ. އެހެންނަމަވެސް އެ މީހުން ދިން ޔަގީންކަމުން ހިތްވަރު ލިބިގެން ރިސޯޓުތަކަށް މުދާ ސަޕްލައިކުރަން ނިޒާރު ފެށީ މުދާ ގަންނަން އެއްވެސް ފައިސާއެއް އަތުގައި ނެތް ހާލަތުގަ އެވެ.

އޯޑަރު ލިބުމުން ރައްޓެހި ފިހާރަތަކުން މުދާ ނަގައިގެން ގެނެސް އެ މުދަލަށް ފައިސާ ލިބުމުން އަނބުރާ ފައިސާދައްކަމުން ނިޒާރަށް އަމިއްލަ ފައިމައްޗަށް ހިންދެމިލެވެންދެން ކުރިޔަށް ގެންދިޔަ އެވެ. އެގޮތަށް ހިތްވަރާއެކު ފެށި ވިޔަފާރި ފަސް ބަލާލުމަކާ ނުލާ ކުރިޔަށް ގެންގޮސް މިހާރު ވަނީ 80 މިލިއަން ރުފިޔާގެ ކެޕިޓަލަކަށް ފޯރާފަ އެވެ. އެ ވިޔަފާރީގައި ވިޔަފާރީގައި 45 ވަރަކަށް މުވައްޒަފުން އުޅެ އެވެ.

އުމުރުގެ ބޮޑު ބައިގައި ކުރި ބުރަ މަސައްކަތުން ހުސްއަތާ ބޭރުވާން ޖެހުމުގެ ސަބަބުން މަޖުބޫރު ވެގެން ފެށި އަމިއްލަ ވިޔަފާރީގައި މިހާތަނަށް އާދެވިފައިވާ ހިސާބާމެދު ނިޒާރު ވަރަށް ހިތްހަމަ ޖެހެ އެވެ. އެ ހިސާބަށް ދިއުމުގައި ނިޒާރަށް އެންމެ ބޮޑު ބާރަކަށްވީ އޭނާގެ ރަހުމަތްތެރި ވިޔަފާރިވެރިންނެވެ. ފާއިތުވެދިޔަ ތަނާމެދު މިހާރު ނިޒާރު ވިސްނާކަށް ބޭނުމެއް ނުވެ އެވެ. އެއަށް ވުރެ ނިޒާރުގެ އަޒުމާ ހިތްވަރު މާ ވަރުގަދަ އެވެ.