މޯލްޑިވްސް ބްރޯޑްސްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގައި ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހްމަދު ގައިސް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމަށް ނިންމީ އެކަމަށް ކުރިން ކަނޑައަޅާފައިވާ ސުންގަޑި ބަންދު ދުވަހަކާއި ދިމާވާތީ އެވެ.

ރައީސް އޮފީހުން ބުނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ ހަމަވާ ސުންގަޑިއެއްގެ ގޮތުގައި މިހާރު ކަނޑައަޅަފައިވަނީ 8 ފެބުރުވަރީ ވާ ބުދަ ދުވަހުގެ މެންދުރު 12:30 އެވެ. އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގުރާރާއި، ކުށާއި ދަރަނީގެ ރެކޯޑު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ފެބުރުއަރީ 7 އަދި 8 ވަނަ ދުވަހު ހެނދުނު 9:30 އިން މެންދުރުފަހު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

ބްރޯޑްކޮމް އެކުލެވިގެން ވަނީ 7 މެންބަރުންގެ މައްޗަށެވެ. އެކޮމިޝަންގައި މިހާރު ތިއްބެވީ ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާއާއި، ނައިބު ރައީސް މުހައްމަދު ފަޒީންގެ އިތުރުން ކޮމިޝަންގެ މެމްބަރުން ކަމަށްވާ އަމްޖަދު ވަހީދު އާއި އަލީ ޔޫސުފް އާއި އާމިނަތު އަމީނާ އާއި ޝިފްލާ އިބްރާހީމްއެވެ.