ރާއްޖެ ސަރަހައްދުގައި ކުރިއަށް ގެންދާ ސިލްސިލާ އޮޕަރޭޝަނަކަށް އިންޑިއާގެ އަސްކަރީ ޑޯނިއާ ދެ ބޯޓު ހދ. ހަނިމާދޫ އެއާޕޯޓަށް ޖެއްސީ އިމިގްރޭޝަން އެންގުމަކާ ނުލައި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އެ އުޅަނދަށް އިމިގްރޭޝަން ކްލިއަރެންސް ދީފައި ވަނީ އިމިގްރޭޝަނަށް ހުށަހަޅަން ޖެހޭ ލިޔެކިޔުން ފުރިހަމަކޮށް، ހޯދަންޖެހޭ ހުއްދަތައް ހޯދުމުން ކަމަށެވެ.

"އިމިގްރޭޝަނަށް އެންގުމަކާ ނުލާ މިއަދު ހަނިމާދޫ އެއަރޕޯޓަށް އަސްކަރީ މަތިންދާބޯޓެއް ޖެއްސިކަމަށް ބުނެ، ޚަބަރު ފަތުރާ ބައެއް ނޫސްތަކުގައި ލިޔެފައިވާ ލިޔުންތަކަކީ ސައްޙަ މަޢުލޫމާތެއް ނޫންކަމުގައި ދަންނަވަން،" އިމިގްރޭޝަނުން ބުންޏެވެ.

ނަމަވެސް ދިޔަރެސް ނޫހުގައި ހަނިމާދޫގައި މަސައްކަތްކުރާ އިމިގުރޭޝަންގައި މަސައްކަތްކުރާ މުވައްޒަފަކާ ހަވާލާދީ ބުނެފައި ވަނީ އިންޑިއާ ސިފައިން ހަނިމާދޫ އަށް އައީ ކޮން ބޭނުމަކުކަން ނޭނގޭ ކަމަށެވެ.

"އަޅުގަނޑުމެންނަށްވެސް ފެނުނީ ހަމަ އައިސް ދެ މަތިންދާ ބޯޓު ޖެއްސިތަން" އެ މުވައްޒަފާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ.

އެ މުވައްޒަފު ބުނީ ހަނިމާދޫ އެއާޕޯޓުގެ އިމިގްރޭޝަނަށް ވިސާ ހަމަޖެއްސުމަށް މާލެއިން އަންގާފައިވަނީ އިންޑިޔާ ސިފައިން ދަތުރުކުރި ފްލައިޓުތައް ހަނިމާދޫއަށް ޖެއްސި ފަހުން ކަމަށެވެ.