ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން މިވަގުތު ޖަލުގައި ހުންނެވި ނަމަވެސް އެމަނިކުފާނުގެ އަޒުމް ވަރަށް ވަރުގަދަ ކަމަށާއި ސަރުކާރުން ދައްކާ ބިރަކަށް ކުޑަކޮށް ވެސް ފަހަތަކަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ޕީޕީއެމުން ބާއްވާ ހޯޕް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ނެތުމަކީ އެ ކޮންފަރެންސަށް ލިބުނު ފަޅުކަމެއް ކަމަށެވެ. އަދި މިއީ އުފާވެރި ކޮންފަރެންސެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަަޅުގަނޑުމެން މަސައްކަތް ކުރިން އެ މަނިކުފާނުގެ ވީޑިއޯ، އޯޑިއޯ އަދި އަތްޕުޅުން ލިޔުމުން މެސެޖެއް ވެސް ހޯދަން. އެހެން ނަމަވެސް އަޅުގަނޑުމެންނަށް އެންގީ އެކަމަށް ގާނޫނު ތަން ނުދޭކަމަށް. އެހެންވީމަ އަޅުގަނޑު ދެންނެވީ މިއީ އުފާވެރި ކޮންފަރެންސެއް ނޫން ކަމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ހޯޕް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އެ ޕާޓީގެ އިސްވެރިންނާއި މެމްބަރުން ބައިވެރިވަނީ. ފޮޓޯ: ޕީޕީއެމް

އޭނާ ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނެވި ނަމަވެސް އެމަނިކުފާނު ހުންނެވީ ކުޑަކޮށް ފަހަތަކަށް ޖެހޭ ގޮތަކަށް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ދަތުރުކުރަނީ އަޅުގަނޑުމެންގެ މިސްރާބަށް. މި ތަރިކަ ދޫވެގެންދާކަށް ނެތިން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ އުއްމީދުގެ ކޮންފަރެންސެއް ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ އުއްމީދެއް އޮތީމަ. މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން ޖަލަށް ލައިގެން އުޅެނީ ރައީސް ޔާމީން ނޫންކަމަށާއި ޖަލަށް ލައިގެން އުޅެނީ ރާއްޖޭގެ މިނިވަންކަން ކަމަށެވެ.

ޖަލަށް ލައިގެން މި އުޅެނީ ދިވެހި ޒުވާނުން މާދަމައަށް ކުރަމުން ގެންދާ އުންމީދު، ޖަލަށް ލައިގެން މި އުޅެނީ ދިވެހުން ދިވެހި ގައުމާ ދޭތެރޭ ކުރަމުން ގެންދާ އުންމީދު، މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތުގެ ހުޅުކޮޅު، މާދަމާގެ ކުޑަކުދިންގެ ހުވަފެން، މިއަދު ދިރިތިބީން އެބައެއްގެ ހިތުގައި މިހާތަނަށް ދިވެހި ގައުމުގެ ވެރިއަކަށް ނުދޭ ފަދަ ގަދަރާއި އިހްތިރާމް ދެއްވާފައިވާ ހުރި ދިވެހިރާއްޖޭގެ ވަތަނީ ސިޔާސީ ލީޑަރު،
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

"ޖަލަށް ލައިގެން މި އުޅެނީ ދިވެހި ޒުވާނުން މާދަމައަށް ކުރަމުން ގެންދާ އުންމީދު، ޖަލަށް ލައިގެން މި އުޅެނީ ދިވެހުން ދިވެހި ގައުމާ ދޭތެރޭ ކުރަމުން ގެންދާ އުންމީދު، މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތުގެ ހުޅުކޮޅު، މާދަމާގެ ކުޑަކުދިންގެ ހުވަފެން، މިއަދު ދިރިތިބީން އެބައެއްގެ ހިތުގައި މިހާތަނަށް ދިވެހި ގައުމުގެ ވެރިއަކަށް ނުދޭ ފަދަ ގަދަރާއި އިހްތިރާމް ދެއްވާފައިވާ ހުރި ދިވެހިރާއްޖޭގެ ވަތަނީ ސިޔާސީ ލީޑަރު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ހޯޕް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އެ ޕާޓީގެ އިސްވެރިންނާއި މެމްބަރުން ބައިވެރިވަނީ. ފޮޓޯ: ޕީޕީއެމް

ޕީޕީއެމުން ބާއްވާ ހޯޕް ކޮންފަރެންސްގައި ބައިވެރިވާން 1157 މަންދޫބުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

ހުކުރު ދުވަހުގެ ރޭ އަދި ހޮނިހިރު ދުވަހު ކޮންފަރެންސްގެ ސެޝަންތައް ދަރުބާރުގޭގައި ކުރިއަށްދާނެ އެވެ. ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހު ރޭގަނޑު 8:30 ގައި އާޓިފިޝަލް ބީޗުގަ އެވެ.

ޕީޕީއެމުން ބުނި ގޮތުގައި، ހުކުރު ދުވަހު ހަވީރު 3:45 ގައި ކޮންފަރެންސްގެ ތެރެއިން ކުރިއަށްދާ "ބުންވަރު ހިނގާލުން" ޕީޕީއެމް އޮފީސް ދޮރުމަތިން ފެށިގެން ކުރިއަށްދާނެ އެވެ. އަދި "ދުއްޕާން" ނަމުގައި ބޮޑު ޖަލްސާއެއް ވެސް ހޮނިހިރު ދުވަހުގެ ރޭ އޮންނާނެ ކަމަށް ޕީޕީއެމުން ބުންޏެވެ.