ގައުމަކަށް ލިބޭނެ އެންމެ ބޮޑު ރައްކާތެރިކަމަކީ އެ ގައުމެއްގެ ޝަރުއީ ދާއިރާގެ އަދުލުވެރިކަން ކަމަށާއި ވެރިން ހަމައެކަނި ޒިންމާއަކީ ޖާލަތު ބޮޑުކުރުންކަމަށް ގަބޫލުކޮށްފި ނަމަ ގައުމުގެ ރައްކާތެރިކަން ގެއްލިގެންދާނެކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ފަރާތުން މި އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ "ހޯޕް ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ގައުމެއްގެ ސިޔާސީ މަސައްކަތް ކުރުމަކީ އެ މަސައްކަތުގައި އުޅޭ ބަޔަކަށް އަނިޔާދޭ ކަމަކަށް ވެގެން ނުވާނެކަމަށާއި ގައުމަކަށް ލިބޭނެ އެންމެ ބޮޑު ރައްކާތެރިކަމަކީ އެ ގައުމެއްގެ ޝަރޫއީގެ ރައްކާތެރިވެ އެ ގައުމެއްގެ ފަނޑިޔާރުން އަދުލުވެރިވުން ކަމަށެވެ.

އެ ގައުމެއްގައި ތިބޭ ވެރިން ތިމަންނާމެންގެ ޒިންމާއަކީ ހަމައެކަނި ޖާހަތު ބޮޑުކުރުން ކަމަށް ނުދެކުމަކީ އެ ގައުމަކަށް ލިބޭ ވަރަށް ބޮޑު ރައްކާތެރިކަމެއްކަމަށާއި ގައުމެއްގެ ފުލުހުންގެ ޒިންމާއަކީ އެތަނުގައި ހުރި އިދިކޮޅު ލީޑަރުގެ މައްޗަށް މަތި މައްޗަށް ތަހްގީގުކުރުންކަމަށް ވާނަމަ ކަމު ނުދާކަމަށްވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

"ބަލާފަ ހޯދާފަ ކުށްވެރިވެފައިވާ މީހުން ހެކިންނަށް ގެނައިމާ ކަމަކު ނުދޭ، ސޯމާލިޔާއާއި އެފްރިކާގެ ގައުމުތަކުގައި ހަރަކާތްތެރިވާގޮތަށް ދިވެހިރާއްޖޭގެ ފުލުހުންގެ މަސައްކަތް އަމާޒު ވީމައި އެ ކަމަކު ނުދޭ، ޕްރޮސެކިއުޓާ ޖެނެރަލްއަކީ ސިޔާސީ ނުފޫޒުގެ ތެރެއަށް ވަދެފައިހުރި ބޭފުޅަކަށްވީމައި ކަމަކު ނުދޭ،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ޕީޕީއެމްގެ ހޯޕް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އެ ޕާޓީގެ އިސްވެރިން ބައިވެރިވަނީ. ފޮޓޯ: ޕީޕީއެމް

މި ޖަލްސާގައި އިތުރަށް ޑރ. ޖަމީލް ވިދާޅުވީ ރާއްޖެ އަށް ޑިމޮކްރެސީ ގެންނެވީ އެހެން އެއްވެސް ފަރާތަކުން ނޫން ކަމަށާއި ރައީސް ޔާމީން ކަމަށެވެ.

"ރާއްޖެ އަށް ޑިމޮކްރެސީ ގެންނެވީ އެހެން އެއްވެސް ފަރާތަކުން ނޫން. ރާއްޖޭގެ ޑިމޮކްރެސީގެ ބާނީ، ރާއްޖޭގެ ތަރައްގީގެ ބާނީ އަކީ އެކެއް، އެއީ ރައީސް ޔާމީން،" ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވީ މިހާރު ވެރިކަމުގައި ތިއްބެވި އެމްޑީޕީގެ ފަރާތުން ރާއްޖެ އަށް ގެނެސްފައިވަނީ ފާސިގު ޑިމޮކްރެސީއެއް ކަމަށެވެ. އެގޮތުން އިންތިހާބާ ދިމާކޮށް ވައުދު ވުމަކީ އެމްޑީޕީން މީގެކުރިން ދެކޮޅު ހެދި ކަންކަން ކަމަށާއި ނަމަވެސް މިއަދު ފެންނަނީ އެފަދަ ކަންކަން ކުރާ މަންޒަރު ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

"އިންތިހާބެއް އައީމަ، ވާރޭ އޮއްސާލާހެން ވަޒީފާ އޮއްސާލަނީ. އިންތިހާބެއް އައީމަ، ސަރުކާރު ކޮންމެ ކުންފުންޏެއް ދަވާލަންވީ. އިންތިހާބެއް އައީމަ، ބަޔަކަށް ތަސައްވަރު ނުކުރެވޭ މަޝްރޫއުތައް ވެސް އިއުލާނުކުރަންވީ،" ޑރ. ޖަމީލް ވިދާޅުވި އެވެ.