މާލޭގެ ތިން ސަރަހައްދެއްގައި ބަހައްޓާފައިވާ ތިން ސަބްސްޓޭޝަނެއްގައި އިތުރު ޓްރާންސްފޯމަރުތަކެއް ބެހެއްޓުމަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް މާލޭ ސިޓީ ކައުންސިލްގައި އެކި ފަހަރު މަތިން އެދުނު ނަމަވެސް ހުއްދަދީފައި ނުވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

އެ ތިން ސަބްސްޓޭޝަނަކީ، ގާކޮށި، ސިނަމާލޭ 2 ގޯތި ތެރޭގައި ހަދާފައިވާ ސަބްސްޓޭޝަނާއި، މަޖީދިއްޔާ ސްކޫލު ކުރިމައްޗަށް ވާގޮތަށް ހުރި ޕާކިންޒޯނާއި ދިމާލުގައި ހަދާފައިވާ ސަބްސްޓޭޝަނުގެ އިތުރުން، ވިޔަފާރިވެރިންގެ މިސްކިތާ އިންވެގެން އޮތް ޕާކިން ޒޯނުގައި ހަދާފައިވާ ސަބްސްޓޭޝަނެވެ.

ސްޓެލްކޯ އިން ބުނީ އޭގެ ތެރެއިން، ސިނަމާލޭ ދެ ގޯތި ތެރޭގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ މިހާރު ވެސް، އޯވާލޯޑްވުމުގެ ސަބަބުން ކައިރީގައި ހުރި އެހެން ޓްރާންސްފޯމަރުތަކަށް އޭގެ ބައެއް ލޯޑް ޓްރާންސްފާ ކުރަންޖެހިފައިވާ ޓްރާންސްފޯމަރެއް ކަމަށެވެ. އަދި މިހާރު އެ ލޯޑް ޓްރާންސްފާކުރި ޓްރާންސްފޯމަރުތައް ވެސް ވަނީ އޯވާލޯޑްވުމާ ކައިރިވެފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

"މި ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަނަށް ބޭނުންވާ ބިން ހޯދުމަށް 2 މެއި 2021 ގައި ވަނީ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައި. އެ ސިޓީއަށް ޖަވާބެއް ނުލިބުމާއި ގުޅިގެން އިތުރު ސިޓީތަކެއް ވެސް ފޮނުވި، އެ ސިޓީތަކަށް ވެސް ޖަވާބު ލިބިފައެއް ނުވޭ،" ސްޓެލްކޯއިން ބުންޏެވެ.

ވިޔަފާރިވެރިންގެ މިސްކިތާ އިންވެގެން ހުރި ޕާކިންޒޯން ހުރި ބިމުގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ 81 އިންސައްތަ ޔުޓިލައިޒްކުރެވިފައިވާ ޓްރާންސްފޯމަރަކަށް ވުމާއެކު، އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަން ބޮޑު ކުރުމަށް ބޭނުންވާ ބިން އެތަނުން ހަމަޖެއްސައިދިނުން އެދި، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެދުނު ނަމަވެސް އެކަމަށް ޖަވާބެއް ދީފައިނުވާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

ހަމައެހެންމެ މަޖީދިއްޔާ ސްކޫލް ކުރިމަތީ ޕާކިންޒޯން ކައިރީގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރުގެ 73 އިންސައްތަ ޔުޓިލައިޒް ކުރެވިފައިވާއިރު، އެ ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަނާއި އިން ވެގެންއޮތް ހުސް ބިންކޮޅެއް ހަމަޖައްސައިދިނުމަށް މިދިޔަ އަހަރުގެ މެއި މަހު ސިޓީކައުންސިލަށް ރަސްމީކޮށް ހުށަހެޅި ނަމަވެސް އެ ސިޓީގެ ޖަވާބު ހޯދުމަށް އޭގެ ފަހުން ފޮނުވާފައިވާ ސިޓީތަކަށް ވެސް މިއަދާ ހަމަޔަށް އެއްވެސް ޖަވާބެއް ލިބިފައެއް ނުވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މި ސަބްސްޓޭޝަންތަކުގެ ހާލަތު ބަޔާންކޮށް، ސިޓީކައުންސިލަށް ފޮނުވާފައިވާ ސިޓީތަކުގައި، އެ ޓްރާންސްފޯމަރުތައް އަވަސް ގޮތެއްގައި ނުބެހެއްޓިއްޖެނަމަ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިއަށްއޮތް ދުވަސްތަކުގައި ކަރަންޓު ކެނޑުންފަދަ ދަތިތަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއްކަމާއި، މި ޓްރާންސްފޯމަރުތައް ބެހެއްޓުމަށްޓަކައި ބޭނުންވާ ބިންތަކުގެ ކުރެހުންތައް ވެސް ވަނީ ހިއްސާ ކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

"ކުރިއަށް މިއޮތް ދުވަސްތަކަކީ ހޫނު މޫސުމުގެ ދުވަސްތަށް ކަމުގައިވާތީއާއި، އަދި ރޯދަމަހު މި ޓްރާންސްފޯމަރުތައް އޯވާލޯޑްވެ، ކަރަންޓު ކެނޑުން ފަދަ ކަންކަން ދިމާވެދާނެތީ، މި ބިންތައް ހަމަޖެހި މި ޓްރާންސްފޯމަރުތައް ވީއެންމެ އަވަހަކަށް ބެހެއްޓުމަށް މިކުންފުނިން ބޭނުންވޭ. އަދި މިކަމަށްޓަކައި ބޭނުންވާ ޓްރާންސްފޯމަރުތަކާއި، އެހެނިހެން އާލާތްތައްވެސް މިކުންފުނީގައި މިހާރު ހުރިކަން ފާހަގަ ކޮށްލަން،" ސްޓެލްކޯއިން ބުންޏެވެ.

އެ ކުންފުނިން 2021 ވަނަ އަހަރުން ފެށިގެން އެދެމުންދާގޮތަށް ބިން ހަމަޖައްސައިނުދީފިނަމަ މާލޭގެ ބޮޑު ތިން ސަރަހައްދަކުން ކަރަންޓު ކެނޑުމުގެ ފުރުސަތުއޮތް ކަން އަދި އެކަމުގެ ސަބަބުން އުނދަގޫތަކެއް ރައްޔިތުން ތަހައްމަލްކުރަންޖެހިދާނެ ކަން ބަޔާންކޮށް ތަކުރާރުކޮށް ފޮނުވާފައިވާ ސިޓީތަކަށް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ނަމަވެސް ސްޓެލްކޯގެ އެ ވާހަކަތަކާ ގުޅިގެން ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވީ އެ ތިން ސަރަހައްދުން ވެސް ބިން ދޫކޮށް ސްޓެލްކޯއަށް އެކަން އަންގައިފައިވާ ކަމަށެވެ.

"ނަމަވެސް ސްޓެލްކޯ އިން ބޭނުންވެގެން އުޅެނީ އެ ބިންތައް ސްޓެލްކޯއަށް ރަޖިސްޓްރީކުރަން. މިހާރު ވެސް މާލޭގެ ވަރަށް ގިނަ ސަރަހައްދުތަކުގައި ސްޓެލްކޯގެ ސަބް ސްޓޭޝަންތައް ހުންނާނެ. ބައެއް ތަންތަން ދެބުރިއަށް ވެސް ހަދައިފައި ހުރީ. އެއިން އެއްވެސް ބިމަކީ ސްޓެލްކޯއަށް ރަޖިސްޓަރީކޮށްދީފައި ހުރި ތަންތަނެއް ނޫން. ބިންތައް ރަޖިސްޓްރީކުރެވޭނީ އެކަމާ ބެހޭ އިޖުރާއަތުތައް ފުރިހަމަކޮށްގެން،" އޭނާ ވިދާޅުވި އެވެ.