މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކަލާޒް ޗެނަލްގެ ދަކަމުން އަންނަ ރިއަލިޓީ ޝޯ "ބިގް ބޮސް 16" މިހާރު ކުރިއަށްދަނީ ފައިނަލް ހަފްތާ އެވެ.

މިމަހުގެ 12 އަދި 13 ގައި މިސީޒަންގެ އެއްވަނަ ހޮވިގެންދާއިރު މިހާރު "ބިގްބޮސް" ގޭގައި ތިބީ ހަ ބައިވެރިންނެވެ. އެއީ ޝިވް ޓާކަރޭ، ނިމްރިތު ކޯރު، ޕްރިޔަންކާ ޗާހަރް، އެމްސީ ސްޓޭން، ޝާލިން ބަނޮޓް އަދި އަރްޗަނާ ގޯތަމް އެވެ.

ކޮންމެ ހަފްތާއަކު ވެސް ތަފާތު އެކި ޓްވިސްޓްސްތައް ފެނިގެންދާއިރު ރޭ ވަނީ ބިގްބޮސް މިޑް ވީކް އެލިމިނޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ބިގްބޮސް ގެއަށް ސަޕޯޓަރުން ވަދެ ބައިވެރިންނަށް ވޯޓު ދީފައިވާއިރު ރޭގެ ޝޯގައި ވަނީ ފައިނަލް ރޭހުން އެއް ބައިވެރިޔަކު ވަކިކޮށްފަ އެވެ.

ގިނަ ބަޔަކަށް ހައިރާކަމެއް ލިބިގެން ގޮސްފައިބަނީ މިފަހަރުގެ ސީޒަންގައި އެންމެ ގިނައިން ކެޕްޓަންކަން ކޮށްފައިވާ ޓީވީ ބަތަލާ ނިމްރިތު ޝޯއިން ވަކިވުމުންނެވެ.

ނިމްރިތު

ނިމްރިތުއަށް މިޝޯގެ ތެރެއިން ވަނީ ބޮލީވުޑް ފިލްމެއް ބަތަލާގެ ރޯލު ލިބިފަ އެވެ. އެއީ ޓީވީ ސިލްސިލާތައް ހެދުމުގައި މަގުބޫލު ޕްރޮޑިއުޝަރު އޭކުތާ ކަޕޫރު ޕްރޮޑިއުޝްކުރާ ފިލްމަކަށެވެ.

"ބިގްބޮސް 16" އިން ނިމްރިތު ބޭރުވެފައިވާކަން ކަލާޒް ޓީވީއިން ރަސްމީކޮށް އިއުލާނު ނުކުރި ނަމަވެސް "ބިގްބޮސް" ހަބަރުތައް ގެނެސްދޭ ސޯޝަލް މީޑީއާތަކުން ވަނީ މިކަން ކަށަވަރު ކޮށްދީފަ އެވެ.

ނިމްރިތު ކަޓައިގެން ދިއުމަކީ ގިނަ ބަޔަކަށް ހައިރާންކަމެއް ލިބުނު ނަމަވެސް، މިހާރުގެ ގަދަ 5 ވާދަވެރިންގެ ތެރޭގައި ވާދަވެރިކަން ކުރިއަށްވުރެ ވަރުގަދަވެގެންދާނެ އެވެ.

ބާކީ ތިބި ވާދަވެރިން ފައިނަލް ސްޓްރެޗްގައި ހުރިހާ ކަމެއް ދޭން ޖެހޭނީ ގިނަ ބަޔަކު އުންމީދު ކުރާ ބިގް ބޮސް 16 ގެ ތަށި ހޯދުމުގެ އުންމީދުގަ އެވެ. ޝޯ ކާމިޔާބު ކުރާނީ ކާކު ބާ އެވެ.