ތިލަފުށިން، ބޭރު ފަރާތްތަކަށް 99 އަހަރަށް ބިން ވިއްކުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާ އިދިކޮޅުން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ތިލަފުށި ދެވަނަ ފިޔަވަހިން ސިނާއީ ބޭނުންތަކަށް ބީލަމުގެ އުސޫލުން ބޭރު މީހުންނަށް ބިން ވިއްކުން ހުއްޓާލުމަށް ގޮވާލާ މިމައްސަލަ ހުށައެޅުއްވީ އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެވެ. މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދިނުމަށް ހުޅުވާލުމުން މައްސަލަ ބޭރުކޮށްލީ 36 މެންބަރުންގެ ވޯޓުންނެވެ. ބަހުސްކުރެއްވުމަށް ތާއީދުކުރެއްވީ ނުވަ މެމްބަރުންނެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ ސިނާއީ ރަށެއްގެ ގޮތުގައި ދިވެހި ރައްޔިތުންގެ ފައިސާ އިން ތިލަފުށި ތަރައްގީކުރަމުންދާތީ އާއި ދިވެހި ވިޔަފާރިވެރިންނަށް ބިމުގެ ދަތިކަން އޮތް އިރު 99 އަހަރަށް ބިދޭސީންނަށް ބިން ވިއްކުމަކީ ދިވެހި އިގްތިސޯދަށް އަސަރު ކުރާނެ ކަމެއް ކަމަށެވެ.

"ވަގުތީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ނުވަތަ ރިޔާސީ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ނިޔަތުގައި ގްރޭޓާ މާލެއިން ބިދޭސީންނަށް 99 އަހަރަށް ބިން ނުއަގުގައި ވިއްކުމަކީ ކުރިމަގުގައި ރާއްޖޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް،" ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.

ތިލަފުށި ހިންގުމާ ހަވާލުވެފައިވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ވަނީ މަރުހަލާތަކަކަށް ބަހާލައިގެން ތިލަފުށިން ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ބިން ގަތުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އެގޮތުން ބީލަމުގެ އުސޫލުން ފުރަތަމަ ވިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށި ޒޯން އޭ ގައިވާ ބިންތަކެވެ.

އަމިއްލަ ފަރުދެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ވެސް ބީލަން ހުށަހެޅެ އެވެ. ބީލަން ކާމިޔާބު ކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަތަ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކު ކުރެވެ އެވެ. ބީލަން ކާމިޔާބު ކުރާ ފަރާތަކީ ބޭރުގެ ފަރުދެއް ނުވަތަ ބޭރުގެ ކުންފުންޏެއްނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރެވެ އެވެ.

ބީލަން ހުށަހެޅޭ އެންމެ ދަށް އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ އަކަފޫޓަކަށް 1،700 ރުފިޔާ އެވެ.

ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެއީ ޝައުގުވެރިވާ ފަރާތްތަކުން ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ މަރުހަލާ އާއި އީއޯއައި ހުށަހަޅާ ބިމަށް ބިޑު ކުރުމެވެ.