މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

އެ ކޮމިޝަނަށް އާ މެމްބަރަކު ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެ ކޮމިޝަންގެ މެމްބަރު އަދި ނާއިބު ރައީސްގެ މަގާމު ފުރުއްވަމުން ގެންދެވި އަހުމަދު ގައިސް މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ނެވެ.

ބްރޯޑްކޮމްއަށް އައްޔަން ކުރައްވަން ރައީސް ސޯލިހް ވަނީ މަޖިލީހަށް ފަސް ނަމެއް ފޮނުއްވާފަ އެވެ. އެމަނިކުފާނު ނަންތައް ފޮނުއްވާފައި ވަނީ އިސަކަން ދެއްވާ ތަރުތީބުވެސް ހިމަނުއްވައިގެންނެވެ. އެ ނަންތަކަކީ

އާމިނަތު ނުޒުހާ

ހުސައިން އަމްރު

ޝާން ސާލިހް މުހައްމަދު

މަރްޔަމް ނަރީމާން ޝަރީފް

މަރްޔަމް މުނާ އެވެ.

މީގެ ތެރެއިން މަޖިލީހަށް ފެނިވަޑައިގަންނަވާނެ ގޮތެއްގެ މަތިން އެ ކޮމިޝަނަށް އައްޔަން ކުރައްވާނެ ބޭފުޅެއްގެ ނަންފުޅު ފާސްކޮށްދެއްވުމަށް ރައީސް ސޯލިހު ވަނީ އެދިލައްވާފަ އެވެ.

ރައީސް ސޯލިހު އިސްކަންދެއްވާ ލިސްޓު މަޖިލީހަށް ފޮނުވާފައިވާއިރު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަ ވަނީ މިއަދުގެ މެންދުރު 12:30 އަށެވެ.

މިހާރު ބްރޯޑްކޮމް ކޮމިޝަން އެކުލެވިގެންވާ 6 މީހުންނަކީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއާއި، އައިމިނަތު އަމީނާއާއި، އަލީ ޔޫސުފާއި، މުހައްމަދު ފަޒީންއާއި، ޝިފްލާ އިބްރާހިމާއި، އަދި އަމްޖަދު ވަހީދެވެ.