ރައްކާތެރި ލުއި ފަސޭހަ އަދި ހަރަދު ކުޑަ ނިޒާމެއްގެ ތެރެއިން ގަސްކާނާ ތައްޔާރުކޮށް ފޯރުކޮށް ދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މި ނިންމުން ނިންމާފައި ވަނީ މާލެ ސިޓީ ކައުންސިލްގެ 88 ވަނަ ރަސްމީ އާއްމު ޖަލްސާގަ އެވެ.
އުކާލެވޭ ކުނީގެ ތެރޭގައި ހިމެނޭ ކާބޯތަކެއްޗާއި ފަތްޕިލާވެލި ބޭނުންކޮށްގެން ދިވެހިރާއްޖޭގެ މާހައުލާއި ގުޅޭ، ރައްކާތެރި ގަސްކާނާ ތައްޔާރުކުރުމުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލަށް ލިބިފައިވުމުން ރައްކާތެރި ލުއި ފަސޭހަ އަދި ހަރަދު ކުޑަ ނިޒާމެއްގެ ތެރެއިން ގަސްކާނާ ތައްޔާރުކޮށް ފޯރުކޮށް ދިނުމާ ގުޅޭ ގޮތުން މިއަދުގެ ޖަލްސާއަށް ހުށަހެޅިފައިވާ ކަރުދާހުގައިވާ ހިދުމަތުގެ އަގު ނެގުމުގެ ބަޔަށް ގެނެވޭ އިސްލާހާއެކު ގަސް ކާނާގެ އަގު ކަނޑައަޅާނީ މާލޭ ސިޓީ ކައުންސިލުގެ ވޭސްޓްމެނޭޖްމަންޓް ސެކްޝަންގެ ލަފަޔާއެކު މާލޭ ސިޓީ ކައުންސިލުންނެވެ. މިގޮތަށް އިސްލާހުކޮށް ހުށަހެޅިފައިވާ ކަރުދާސް ފާސްކުރުމަށް އެދި ހުށަހެޅުނު ހުށަހެޅުމަށް، ރިޔާސަތުން ވޯޓަށް އެހުމުން އިއްޔެގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާގުން އެހުށަހެޅުން ފާސްވި ކަމަށް ކައުންސިލުން ބުނެ އެވެ.
މޭޔަރު ވިދާޅުވީ މި ކަމަކީ މާލެ ތެރެއިން ކުނި ނެގުމުގެ މަސައްކަތް ކުރިއަށްދާއިރު ނެގޭ ކުނިން ކައުންސިލަށް އާމްދަނީ ވެސް ލިބޭނެގޮތަށް ކަންކަން ކުރިއަށް ގެންދިއުމުގެ ވިސްނުމުގައި ކުރަން ނިންމިކަމެއް ކަމަށެވެ.
މި މަސައްކަތާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މުނިސިޕަލް ކޮމެޓީގެ ފަރާތުން ވޭސްޓް މެނޭޖްމެންޓް ސެކްޝަންގެ މަސައްކަތްތަކާއި ހަވާލުވެގެން ހުންނެވި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ވިދާޅުވީ މީގެ މަގްސަދަކީ ކުނީގެ ގޮތުގައި އުކާލެވޭ ކާބޯތަކެއްޗާއި، ފަތްޕިލާވެލީގެ އިތުރުން މަހުގެ ބާވަތްތައް ބޭނުންކޮށްގެން ލުއިފަސޭހަ އަދި ހަރަދުކުޑަ ނިޒާމެއްގެ ތެރެއިން ގަސްކާނާ އުފެއްދުމާއި، އަދި ރާއްޖެއިން ބޭރުން ގެންނަ ކެމިކަލް އެކުލެވިގެންވާ ގަސްކާނާގެ ބަދަލުގައި މާލޭ ސިޓީ ކައުންސިލުން އުފައްދާ ގަސްކާނާ ބާޒާރަށް ނެރެ ކައުންސިލަށް އިތުރު އާމްދަނީ ހޯދުން ކަމަށެވެ.
ރައްކާތެރި ގަސްކާނާ އުފެއްދުމާއި ގުޅޭގޮތުން އިތުރު ތަފްސީލް ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަންގެ އޮޕަރޭޝަން މެނޭޖަރު ހަސަން ވަހީދު ވިދާޅުވީ މި މަސައްކަތަށް ވާންޖެހޭ ތައްޔާރީތަކެއް އެބަހުރި ކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ސަރަޙައްދާއި، ދުރު ހިސާބެއްގައި މަސައްކަތްކުރެވޭނެ ބިމެއް ކަނޑައެޅިފައި އޮތުމަކީ މުހިންމު ކަމެއް ކަމުގައި އޭނާ ވިދާޅުވި އެވެ.
މިއާއެކު މިކަމަށް ބޭނުންވާ މުވައްޒަފުން ބޭނުންވާ ކަމަށާއި، އަދި ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ވެސް ކުރަންޖެހޭނެ ކަމުގައި ހަސަން ވިދާޅުވި އެވެ. އަދި މި އުފެއްދުމުގެ ފެންވަރު ބެލޭނެ އިންތިޒާމެއް ގާއިމްވެފައި އޮތުމަކީ މުހިންމު ކަމެއްގެ ގޮތުގައި ހަސަން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން މިކަމާ ގުޅޭ އުސޫލެއްވެސް ތައްޔާރުކުރަންޖެހޭ ކަމުގައި އޭނާ ވިދާޅުވި އެވެ.
ރައްޔިތުން ހޭލުންތެރި ކުރަންޖެހޭ ސަބަބާއި ގުޅިގެން ހަސަން ވިދާޅުވީ ރާއްޖޭން ބޭރުން ގެންނަ ގިނަ ގަސްކާނާ ތަކަކީ ކެމިކަލް ހިމެނޭ އަދި ދިވެހި ރާއްޖޭގެ މާހައުލާ ގުޅުން ކުޑަ ބާވަތްތަކެއް ކަމަށެވެ.