ދަތްތަކުގެ ރީތި ހުދުކުލަ ގެއްލޭތީ ކަންބޮޑުވޭ ހެއްޔެވެ؟ އެކަމުގެ ސަބަބުން މީހުންގެ ތެރެއަށް ނުކުމެ އުޅެން ލަދުގަނޭ ހެއްޔެވެ؟ މިކަމުގެ ސަބަބަކީ ތިބާގެ ކެއިންބުއިމުގައި ހިމެނޭ ބައެއް ބާވަތްތައް ކަމުގައި ވެދާނެ އެވެ.

ސައި އަދި ކޮފީ

ކޮފީއާއި އަދި ބައެއް ވައްތަރުގެ ސައިފަތުގައި ހުންނަ ޓޭނިކް އެސިޑްތަކުގެ ސަބަބުން ދަތްތަކުގެ އިނޭމަލް ފަށަލަ ހަލާކުވެ، ދަތުގައި ކުލަޖެހޭ ގޮތްވެ އެވެ. މުޅިން އެއްކޮށް ސައި ނުވަތަ ކޮފީ ބުއިން ހުއްޓާނުލެވުނު ކަމުގައިވިޔަސް، ވީހާވެސް މަދުން ބޯން އާދަ ކުރާށެވެ.

ހުތް މޭވާ

ލުނބޯ އަދި އޮރެންޖުފަދަ ހުތް މޭވާތަކަކީ ގިނަ އަދަދަކަށް ސިޓްރިކް އެސިޑް އެކުލެވިގެންވާ މޭވާތަކެވެ. އޭގެ ސަބަބުން ދަތްތަކުގެ އިނޭމަލް ފަށަލަ ގިރޭގޮތްވެ، ދަތްތަކުގެ ކުލަ ބަދަލުވެ އެވެ. އެހެންކަމުން، މާގިނައިން އެސިޑްތައް ހުންނަ ކާބޯތަކެތި ބޭނުން ނުކުރާށެވެ.

އެނާޖީ ބުއިންތައް

އެނާޖީ ބުއިންތައް ނުވަތަ ސޯޑާގައި ހަކުރާއި އެކި ވައްތަރުގެ އެސިޑްތަކުގެ އިތުރުން ކާބޮންޑައި އޮކްސައިޑް އެކުލެވިގެންވެ އެވެ. މިއީ ދަތްތައް އަވަހަށް ހަލާކުވުމަށް އެހީވެދޭ އެއްޗެހި ކަމުން، މިފަދަ ބުއިންތައް ބުއިމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.