ސިނަމާލޭ ބްރިޖް ހައިވޭގައި އިއްޔެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގީ ސައިކަލުގައި ދިޔަ މީހާ ޔޫ- ޓާންއެއް ނަގަން އުޅުމުން ކަމަށް "ހުރިހާ"އަށް އެނގިއްޖެ އެވެ.

ބްރިޖް ހައިވޭގައި ޔޫ- ޓާން ނަގައި ބައެއް މީހުން ހުޅުލޭ ސީޕްލޭން ފަޅިއަށް ދާން އަދި ބައެއް މީހުން ހުޅުލެ ސީޕްލޭން ފަޅިން ނުކުމެ މާލެއަށް ދާން ހައިވޭގެ މެދުން ޔޫ- ޓާން ނަގާ މަންޒަރު ފެނިފައިވެ އެވެ. އެގޮތަށް ޔޫ- ޓާން ނަގާތީ އެތަނުން ހުރަސް ނުކުރެވޭ ގޮތަށް ބަންދުކޮށްފައި ވަނިކޮށް ބައެއް މީހުން ވަނީ އަމިއްލައަށް އެތަން ދުރުކޮށް ޔޫ- ޓާން ނެގުން އާއްމު ކަމަށް ހަދައިފަ އެވެ.

އިއްޔެ ހަވީރު ވެސް އެ އެކްސިޑެންޓް ހިނގީ ހުޅުލޭގައި މަސައްކަތްކުރާ މުވައްޒަފަކު ހުޅުމާލެ އިން ގޮސް ހައިވޭގެ މެދުން ޔޫ- ޓާންއެއް ނަގައި ހުޅުލެއަށް ވަންނަން އުޅުމުން ކާރު ލޭނުން ބާރު ސްޕީޑުގައި ދިޔަ ކާރެއްގައި ޖެހިގެންނެވެ.

އެ ހާދިސާއަށްފަހު ފުލުހުން ވަނީ ހައިވޭގައި ޔޫ- ޓާން ނެގެން ހުރި ދިމާލުގައި ރޭ ކޮންކްރީޓް ބެރިކޭޑް ޖަހައި ބަންދުކޮށްފަ އެވެ.

އެ އެކްސިޑެންޓްގައި ޒަޚަމްވި މީހާއަށް މިހާރު އަންނަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނީ އެ މީހާގެ ހާލު ސީރިއަސް ކަމަށާއި މިވަގުތު އޮތީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށެވެ.

އެ އެކްސިޑެންޓުވި ކާރާއި ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

ސިނާމާލެ ބްރިޖްއާއި ހައިވޭގައި ދޭތެރެ ދޭތެރެއިން ބޮޑެތި އެކްސިޑެންޓްތައް ހިނގާފައިވެ އެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ބްރިޖްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެފައިވެ އެވެ.