ވޮޝިންޓަން (11 ފެބްރުއަރީ) - އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އެލަސްކާގެ ވައިގެ ސަރަހައްދުން ދަތުރުކުރި "ގޮތް ނޭނގޭ އެއްޗެއް" އެ ގައުމުގެ ދިފާއީ އިދާރާއިން ހަމަލާދީ ވައްޓާލައިފި އެވެ.

އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ކޯޑިނޭޓާ ޖޯން ކިރްބީ ވިދާޅުވީ އެ އެއްޗަކީ ކޮން އެއްޗެއްކަން އަދި އެނގިފައި ނުވާ ކަމަށާއި އެއީ ވަކި ގައުމަކަށް ނިސްބަތްވާ އެއްޗެއް ކަން ނުވަތަ ނޫންކަން ވެސް އަދި ނޭނގޭ ކަމަށެވެ.

ބިމަށް ވުރެ 40،000 ފޫޓު މަތިން އުދުހެމުން ދިޔަ އެ އުޅަނދު ބުރާސްފަތި ދުވަހުގެ ރޭ ފާހަގަވުމާއެކު ޕެންޓެގަން އިން ވަނީ ފައިޓަ ޖެޓުތައް ބޭނުންކޮށްގެން އެ ވައްޓާލާފަ އެވެ.

ކިރްބީ ވިދާޅުވީ އެ އެއްޗެއް ވައްޓާލީ ރައީސް ބައިޑަންގެ އަމުރުފުޅަށް ކަމަށާއި އެއީ އެ ގައުމުގެ އޭވިއޭޝަންއަށް ހުރި ނުރައްކަލެއްގެ ގޮތުގައި ބެލެވުނު ކަމަށެވެ.

އެ އެތީގެ އަސްލު ހޯދަން އެމެރިކާއިން މަސައްކަތް ކުރާއިރު އެ މަސައްކަތުގެ އިތުރު މައުލޫމާތު ކުރިއަށް ހުރި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ލިބޭނެ ކަމަށް ހަބަރުތައް ބުނެ އެވެ.

މި ހާދިސާ ހިނގާފައި މިވަނީ އެމެރިކާގެ ވައިގެ ސަރަހައްދުން ދަތުރުކުރި ޗައިނާގެ ޖާސޫސީ އުޅަނދެއް ކަމަށްބުނާ އެއްޗެއް އެމެރިކާއިން ވައްޓާލިތާ ހަފްތާއެއް ތެރޭގަ އެވެ.

މި ތުހުމަތުތަކަށް ދެކޮޅު ހަދަމުން ޗައިނާއިން ބުނީ އެއީ ސައިންޓިފިކް ދިރާސާއެއްގައި ބޭނުންކުރާ އުޅަނދެއް ކަމަށެވެ. -- އަލް އަރަބިއްޔާ