ކަލާޒްއިން ދައްކާ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް 16" ކާމިޔާބުކުރީ ގިނަ ބަޔަކު ލަފާކުރި ގޮތާއި ހިލާފަށް މަޝްހޫރު ރެފާ އެމްސީ ސްޓޭން އެވެ.

ރޭ "ބިގްބޮސް 16" ފިނާލޭ އެޕިސޯޑް ވަރަށް ކުލަ ގަދަކޮށް ގެނެސްދީފައިވާއިރު، މިޝޯގައި ބައިވެރިވި އެހެން ބައިވެރިން ވެސް މިޝޯގެ ތެރެއިން ވަނީ ފެނިގެން ގޮސްފަ އެވެ.

އެމްސީ "ބިގްބޮސް 16" ކާމިޔާބު ކޮށްގެން 31 ލައްކަ ރުޕީސް އާއި ކާރެއް އިނާމެއްގެ ވަނީ ލިބިގެން ގޮސްފަ އެވެ. އެމްސީ މިޝޯ ކާމިޔާބު ކުރުމާއި ގުޅިގެން ގިނަ ބަޔަކަށް ވަނީ ހައިރާކަން ލިބިގެން ގޮސްފަ އެވެ.

މިޝޯ ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ލަފާކޮށްގެން ތިބީ ޓީވީ ބަތަލާ ޕްރިޔަންކާ ޗަހާރް ޗައުދަރީ އާއި "ބިގް ބޮސް މަރާޓީ" ސީޒަން ދޭއް ކާމިޔާބުކުރި ޝިވް ތާކްރޭގެ ތެރެއިން އެކަކު ކަމަށެވެ. ހާއްސަކޮށް ގިނަ ބަޔަކު ގަބޫލުކުރީ ޝޯގެ ޓްރޮފީ އުފުލައިލާނީ ޕްރިޔަންކާ ކަމަށެވެ.

އިންޑިއާގެ އެންމެ މަގުބޫލު ޓީވީ ޝޯތަކުގެ ތެރޭގައި ހިމެނޭ "ބިގް ބޮސް" ގެ 16 ވަނަ ސީޒަންގެ ގަދަ ފަހެކީ ޓީވީ އެކްޓަރުން ކަމަށްވާ ޝާލިން ބެނޮޓާއި ޕްރިޔަންކާ ޗަހާރު ޗައުދަރީގެ އިތުރުން ރެޕާ އެމްސީ ސްޓޭން އާއި އިންޑިއާގެ ރީތީގެ ތަފާތު މުބާރާތްތަކެއް ކާމިޔާބުކޮށްފައިވާ އަދި ސިޔާސީ ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ އަރްޗަނާ ގޯތަމްގެ އިތުރުން "ބިގް ބޮސް މަރާޓީ" ސީޒަން ދޭއް ކާމިޔާބާކުރި ޝިވް ތާކްރޭ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 1 ގައި ފެށި "ބިގް ބޮސް 16" މިމަހުގެ 12 ގެ ނިޔަލަށް ކުރިއަށް ދިޔަ އެވެ. މިފަހަރުގެ ޝޯއަކީ އެހެން އަހަރުތަކާއި ހިލާފަށް ކުރިއަށް ގެންދިޔަ ޝޯ އެކެވެ. މިފަހަރުގެ ސީޒަންގައި "ބިގްބޮސް" ވެސް ވަނީ ގޭމް ކުޅެފަ އެވެ.

"ބިގްބޮސް 16" ގައި ވާދަކުރި ގިނަ ބައިވެރިންނަށް ޝޯ ނިމުމާއި ގުޅިގެން އިތުރު ޝޯތަކުންނާއި ފިލްމުތަކުން ވަނީ ފުރުސަތު ލިބިގެން ގޮސްފަ އެވެ. "ބިގް ބޮސް" އަކީ ބޮލީވުޑްގެ ތަރި ސަލްމާން ޚާން ހޯސްޓްކުރާ ޝޯއެކެވެ.