ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބެލި ތިން ފަނޑިޔާރެއްގެ ހަތަރު ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

ޖޭއެސްސީން ބުނީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް ހުށަހެޅި ސުލޫކީ ހަތަރު މައްސަލައަކީ، ހައިކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުގެ ސުލޫކީ ދެ މައްސަލަ އާއި، ކްރިމިނަލް ކޯޓުގެ ގާޒީ ސަފުއަތު ހަބީބުގެ ސުލޫކީ މައްސަލައެއްގެ އިތުރުން، ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދުގެ ސުލޫކީ މައްސަލައެއް ކަމަށެވެ.

އެ މައްސަލަތައް އެ ކޮމިޝަނުން ތަހުގީގުކޮށް ބެލިބެލުމުން، އެއްވެސް މައްސަލައެއް އެއްވެސް ފަނޑިޔާރެއްގެ މައްޗަށް ސާބިތު ނުވާ ކަމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެ އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދާ ގުޅޭގޮތުން ޖޭއެސްސީން ތަހުގީގުކުރީ ކޮން މައްސަލަތަކެއް ކަމަށް އެ ކޮމިޝަނުން ނުބުނެ ނުވެ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ސަފުއަތު ހަބީބާ ގުޅޭ ގޮތުން ޖޭއެސްސީން ކުރިއަށް ގެންދިޔައީ، ކްރިމިނަލް ކޯޓުގެ މައްސަލައެއްގައި ޚުލާސާ ބަޔާން ހުށަހަޅައި މައްސަލައިގެ އަޑުއެހުން ނިމިފައިވީ ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން މައްސަލައިގެ ޚުކުމް ކުރުމުގެ މަޖިލިސް ބާއްވާފައި ނުވާ ކަމަށް ތުހުމަތުކުރާ މައްސަލަ އެވެ. އަދި ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދާ ގުޅޭގޮތުން ކުރިއަށް ގެންދިޔައީ ސިވިލް ކޯޓުގައި ކުރިއަށް ދިޔަ ތަންފީޒީ ގަޒިއްޔާއެއްގައި ހިމެނޭ ޚަސްމަކާ އެ ގަޒިއްޔާއާ ގުޅޭގޮތުން ޝަރީއަތުގެ ބޭރުން މުއާމަލާތުކޮށް، ހުކުމް ތަންފީޒް މައްސަލަތައް ބެލުމުގައި އަމަލުކުރާ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ހުށައެޅި މައްސަލައެކެވެ.