ބޮޑުވަމުން އަންނަ ކުދިން ރަނގަޅު ގޮތުގައި ހެދިބޮޑުވުމަށް ސިއްހަތަށް ރަނގަޅު ގިނަ މާއްދާތަކެއް ބޭނުންވެ އެވެ. އޭގެ ތެރެއިން ވެސް ވިޓަމިން ޑީއަކީ ޅަދަރިންގެ ހެދިބޮޑުވުމުގައި މުހިއްމު ދައުރެއް އަދާކުރާ މާއްދާ އެކެވެ.

ދަރިފުޅަށް ވިޓަމިން ޑީ ބޭނުންވަނީ ކީއްވެ؟

އެއީ ވިޓަމިން ޑީއާ ނުލާ ދަރިފުޅުގެ ހަށިގަނޑަށް ކަށިތަކަށާއި ސެލްސްތަކަށް ކެލްސިއަމް އެއްވެސް ވަރަކަށް ނަގައި ނުދެވޭނެތީ އެވެ. އޭގެ ސަބަބުން ރިކެޓްސް ނަމަކަށް ކިޔާ ކަށީގެ ބައްޔެއް ޖެހި، ދާއިމީކޮށް ކުދިންގެ ކަށިތަކަށް ގެއްލުންވެ، މަސްތައް ބަލިކަށިވެ އަދި ހެދިބޮޑުވުން ލަސްވެ އެވެ.

ވިޓަމިން ޑީ ލިބެނީ ކޮން ބާވަތްތަކަކުން؟

ސެލްމަން، ރެހި، ސާޑައިން އަދި ތާޒާ ކަންނެލި އަދި ތެލުލި މަހުގައިވެސް ވިޓަމިން ޑީ ހުރެ އެވެ. އަދި ރަތް ކުލައިގެ އެއްގަމު މަހުގައއާއި، ބިހުގެ ގޮބޮޅި، މަޝްރޫމް، ސީރިއަލް އަދި ބައެއް ވައްތަރުގެ ކިރުގައިވެސް ވިޓަމިން ޑީ އެކުލެވިގެންވެ އެވެ. މީގެ އިތުރުން އަވީގެ ޒަރިއްޔާއިން ވެސް ވިޓަމިން ޑީ ލިއްބައިދެ އެވެ.

ދަރިފުޅަށް ވިޓަމިން ޑީ ބޭނުންވަނީ ކިހާ މިންވަރަކަށް؟

މާހިރުން ލަފާދޭ ގޮތުގައި އެއް އަހަރުން މަތީގެ ހުރިހާ ކުދިންނަށްވެސް 10 މައިކްރޯގްރާމް ވިޓަމިން ޑީ ހުންނަ ކާއެއްޗެހި ކޮންމެ ދުވަހަކު ދޭންޖެހެ އެވެ. އަދި ޚާއްސަކޮށް ފިނި މޫސުމުގައި މިކަމަށް ސަމާލުވާން ވާނެ އެވެ. އެއް އަހަރުން ދަށުގެ ކުޑަކުދިންނަށް 8.5 އާއި 10 މައިކްރޯގްރާމްއާއި ދެމެދުގެ އަދަދަކަށް ވިޓަމިން ޑީ ލިބެން ޖެހެ އެވެ. އެއީ 500 އެމްއެލްއަށްވުރެ ގިނައިން ފޯމިއުލާ ކިރު ބޭނުންނުކުރާ ނަމައެވެ.