ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގެ ޖުމައިރާގައި މިހާރު ކުރިއަށްދާ ވޯލްޑް ގަވަމަންޓް ސަމިޓް 2023 ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް "މޯލްޑިވްސް ލީޑަރޝިޕް ޕްރޮގްރާމް" މިއަދު އިފްތިތާޙްކޮށްދެއްވައިފި އެވެ.

އެމަނިކުފާނު ޔޫއޭއީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ، މި ފެބްރުއަރީ މަހުގެ 13 އިން 15 އަށް ބާއްވާ މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުކެވެ.

"މޯލްޑިވްސް ލީޑާޝިޕް ޕްރޮގްރާމް" އަކީ ޔޫއޭއީގެ ގަވަމެންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް (ޖީއީއީޕީ) ގެ ދަށުން ފެށި ފުރަތަމަ ތަމްރީނު ޕްރޮގްރާމެވެ. މި ތަމްރީނު ޕްރޮގްރާމް ހިންގާނީ ރާއްޖެ އާއި ޔޫ.އޭ.އީ އާ ދެމެދު ސޮއިކުރައްވާފައިވާ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމް.އޯ.ޔޫ) ގެ ދަށުން ރާއްޖޭގެ ސަރުކާރު މުވައްޒަފުންނަށެވެ. މި ޕްރޮގްރާމަކީ އުނގެނުމާއި އިނޮވޭޝަންގެ މުހިންމު ކަންކަމުގެ މައްޗަށް ފަރުމާކޮށް، ސަރުކާރު މުވައްޒަފުން ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ދިނުމުގައި ސަރުކާރުން ދެމެހެއްޓެނިވި ކުރިއެރުމާއި ކާމިޔާބީ ހޯދުމަށް ހަދާފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ޓެކްނޮލޮޖީ އާއި އިނޮވޭޝަން، ސަރުކާރުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ހިމެނުމުން، ސަރުކާރުން ދެމުންދާ ޚިދުމަތްތަކުގެ އެފިޝަންސީ އާއި، ދެފުށް ފެންނަ އަދި ޒިންމާދާރުކަން އިތުރުވެގެންދާނެ ކަމަށެވެ. އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކަށްވުރެ ކުރީގައި ދެމިތިބުމަށްޓަކައި އުނގެނުމާއި އިނޮވޭޝަނަށް މެދުނުކެނޑި އިންވެސްޓްކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.

"އެގްޒެކެޓިވް އެންހޭންސްމަންޓް އެންޑް އެންރިޗްމަންޓް ޕްރޮގްރާމް (އީއީއީޕީ)" 2021 ވަނަ އަހަރު އިފްތިތާޙުކުރިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ސަރުކާރުގެ މުވައްޒަފުންނަށް އުނގެނުމާއި ތަރައްޤީގެ ފުރުޞަތުތައް އިތުރުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އީއީއީޕީއަކީ ސިވިލް ސަރވިސްގެ މެނޭޖްމަންޓް މަޤާމުތަކުގައި ސިޔާސީ އަދި އެގްޒެކެޓިވް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަވިސް ޓްރެއިނިން ޔުނިޓާއި ދިވެހިރާއްޖޭގެ ސިވިލް ސަވިސް ޓްރެއިނިން އިންސްޓިޓިއުޓް ގުޅިގެން ކުރިއަށްގެންދާ ދެ އަހަރު ދުވަހުގެ ހަރަކާތެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޔޫއޭއީ ސަރުކާރުން މި ޕްރޮގްރާމް ކުރިއަށް ގެންދެވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ. އެއަށްފަހު އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކެޕޭސިޓީ ބިލްޑިން އިން ލީޑަޝިޕް ޑިވެލޮޕްމަންޓް އިނިޝިއޭޓިވްގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް ލީޑަޝިޕް ޕްރޮގްރާމް"ގެ ދަށުން، ޔޫ.އޭ.އީ ސަރުކާރުގެ އެންމެ ރަނގަޅު ޕްރެކްޓިސްތަކާއި ތަޖުރިބާތައް ބައިވެރިންނަށް ވޯކްޝޮޕްތަކާއި، އޮންލައިން ލެކްޗަ ސެޝަންތަކާއި، ޔޫ.އޭ.އީ ސަރުކާރުގެ ޖަމްޢިއްޔާތަކަށް ފީލްޑް ވިޒިޓްތައް މެދުވެރިކޮށް ލިބިގެންދާނެ ކަމަށެވެ.

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) އާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ޕޮލިސީ ޑިޒައިނާއި ތަންފީޒްކުރުމާ ދެމެދު އޮތް ފަރަގު ނައްތާލުމާއި، ޕްރޮއެކްޓިވް ވޯކް ކަލްޗާއެއް ބިނާކުރުމާއި، ޑިޖިޓަލައިޒޭޝަން މެދުވެރިކޮށް ރައްޔިތުމީހާއަށް އަމާޒުކޮށްގެން އާންމު ޚިދުމަތަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ލާމަރުކަޒީ ހިންގުމުގައި އެއްބާރުލުން ދޭ ލީޑާޝިޕް ކުރިއެރުވުމާއި، ހަރުދަނާކޮށް ހިންގުމަށް ސޯޝަލް މީޑިއާ ހަރުދަނާ އުސޫލްތަކެއްގެ މަތިން ބޭނުންކުރުމުގައި އެހީތެރިވެދިނުމާއި، އިޖާދީގޮތުންނާއި ޤާބިލުކަމާ އެކު ހިންގުމަށް ބޭނުންވާ ޑިޖިޓަލް މައިންޑް ސެޓްތައް ތަރައްޤީކުރުން އަދި ސަރުކާރުތެރޭގައި އެކި މުވައްސަސާތަކުގެ މެދުގައި ގުޅުން އިތުރުކުރުމުގެ ބޭނުމުގައި ހިންގާ ޕްރޮގްރާމެކެވެ.