"ހާދަ ގިނަ ބަޔަކު މިހެން ލިޔެއޭ: މަރުޚަބާ"
މިއީ ކިޔަވައިދިނުމުގެ ދާއިރާގައި ބަހާ ބެހޭ އިލްމަށް ފުންނާބު އުސް ބޭފުޅަކު އޭނާގެ ފޭސްބުކު ޕޭޖުގައި ލިޔުއްވި އިބާރާތެކެވެ. މި އިބާރަތާ ވިދިގެން ސުވާލު ކުރައްވާފައި އޮތީ ހ ގެ މަތީގައި ތިކި ޖަހާފައި އެ އޮތީ ބޭރުގެ ކޮން ބަހަކަށް ނިސްބަތް ކޮށްފައިތޯ އެވެ. އެ ސުވާލުކުރައްވާ ހ ގެ މަތީގައި ތިކި ޖެހިޔަސް ތިރީގައި ތިކި ޖެހިޔަސް ނުވަތަ ތިކި ނުޖަހައި ލިޔުނުކަމަށް ވިޔަސް ރަނގަޅު ގޮތަކީ ކޮބައިބާވައޭ ސުވާލު އުފެދޭ ހިސާބަށް ތިކިތަކުގެ މައްސަލަ ހިނގައްޖެ ކަމަށް ފާހަގަވާން ފެށިތާ ޒަމާންތަކެއް ވެއްޖެ އެވެ. ހަމަ އެފަދައިން ތާނަ ލިޔުމުގައި ޖަހައި އުޅޭ ތިކީގެ މައްސަލައިގައި އެކި ދާއިރާތަކުގައި އެކިވަރުގެ އިލްމުވެރިން ބަހުސުކުރައްވާތާ ވެސް ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.
ތިކި ޖެހި ތާނައިގެ މައުޟޫއަކީ ސޯޝަލް މީޑިޔާގެ ޕްލެޓްފޯމްތަކުގައި ވެސް ވަރަށް ގިނައިން ބަހުސްކުރެވި ބަހުގެ އިލްމަށް ފުންނާބު އުސް އެތައް ބޭފުޅަކު ވެސް އެ ބަހުސްތަކުގައި ގޮތް ކިއުއްވާފައިވާ މައުޟޫއެކެވެ. އެކަން އެހެން އޮތްނަމަވެސް އެ މައުޟޫއަށް އަމާޒުކޮށް ތިކި ޖެހި ތާނައިގެ އޮޅުން ބޮޅުމަށް އޮތް ހައްލަކީ ކޮބައިތޯ ފޭސްބުކްގައި ސުވާލުކޮށްލީމެވެ. އެ ސުވާލަށް ޖަވާބު ދެއްވި ބޭފުޅުން ހިމެނެނީ ތިން ބަޔަކަށެވެ. އޭގެ ތެރެއިން ދެބަޔަކީ މައްސަލައިގެ ހައްލު ސީދާ އެއްބަހުން ކިޔައި ދެއްވި ބޭފުޅުންނެވެ. އެއީ ހައްލަކީ "އުވާލުން" ކަމަށް ވިދާޅުވި ބޭފުޅުންނާއި ހައްލަކީ "ދަސްކުރުން" ކަމަށް ވިދާޅުވި ބޭފުޅުންނެވެ. މި ދެ ހައްލަށް ބަލާ އިރުވެސް ފެންނަނީ ވަރަށް ބުނެލަން ފަސޭހަ އެހެނަސް ކުރަން އުނދަގޫ ދެ ކަމެއްގެ ވާހަކަ އެވެ.
ހައްލަކީ އުވާލުން ކަމުގައި ވިދާޅުވާ ބޭފުން އެހެން އެ ވިދާޅުވާ ސަބަބަކީ، އޮޅުން ބޮޅުން އަރައިގެން އުޅެނީ ތިކި ޖެހި ތާނަ ދިވެހި ބަހުގެ ތެރޭގައި އޮތުމުން ކަމަށް ވެފައި އެ އަކުރުތައް ބަހުގެ ތެރޭގައި ނެތުމުން އެ މައްސަލަ ހައްލުވީ ކަމުގައި ވިސްނަވާފައި ކަމަށް ބެލެވިދާނެ އެވެ. އެހެނަސް އެއީ އެހާ ފަސޭހަ ހައްލެއް ނޫނެވެ. އެކަން ދޭހަ ވަނީ އެހައްލު އެހާ ފަސޭހައިން ފެންނަން އޮތް އިރުވެސް ތިކި ޖެހި ތާނަ ދިވެހި ބަހުގެ ތެރޭގައި ނުބާއްވައި އުވާލަން ބަޔަކު ކުރި މަސައްކަތެއް މިހާތަނަށް ނުފެންނާތީ އެވެ.
ބަހާ ބެހޭ މިބާވަތުގެ މަސައްކަތްތަކުގެ ބެލެނިވެރި އިދާރާ ކަމަށްވާ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަބްދުއް ރަހީމަކީ ވެސް ތިކިޖެހި ތާނަ ދިވެހި ލިޔެކިޔުމުގައި އޮންނަން ނުޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ބޭފުޅެކެވެ. ތިކި ޖެހި ތާނައިގެ އަކުރުތައް ތާނައިގެ އަކުރުތަކުގެ ލިސްޓުން އުނިކޮށް އުވާލެވިއްޖެ ނަމަ ދިވެހި އަޑުތަކަށް ފެތޭ އެތައް ބަހެއް ވުޖޫދު ވެގެން އަންނާނެ ކަމަށް ސޯޝަލް މީޑިއާގައި އަޝްރަފު ވަނީ ޚިޔާލު ފާޅުކުރައްވާފަ އެވެ. ނަމަވެސް އެ އަކުރުތައް އުވާލުމުގެ މަސައްކަތް ހިނގަމުން ދާތަން ނުފެންނާތީ އެއީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫންކަން އެނގެ އެވެ.
ދެން އޮތީ ހައްލަކީ ދަސްކުރުން ކަމަށް ވިދާޅުވާ ބޭފުޅުންގެ ވާހަކަ އެވެ. އެއާ ވިދިގެން އުފެދޭ ސުވާލަކީ ދަސްކުރަންވީ ކޮން އެއްޗެއް ހެއްޔެވެ. ލިޔަންވީ ޚުލާސާތޯ ޙުލާސާތޯ ނުވަތަ ހުލާސާތޯ ދެނެގަތުމަށްޓަކައި އަރަބި ބަހުގައި އެ އަކުރު އޮންނަ ގޮތް އެނގެން އެބަ ޖެހެ އެވެ. މި ހިސާބުން ގިނަ ބަޔަކު ބުނަނީ ތާނަ ލިޔަން ދަސްކުރުމަށްޓަކައި އަރަބި އުނގެނެން ޖެހުމަކީ މައްސަލައެއް ކަމަށެވެ. އަނެއް ސުވާލަކީ އަރަބި ބަހުން އައިސް ދިވެހި ބަހަށް ފެތި ދިވެހި އަޑުތަކަށް ވެފައިވާ ބަސްބަހުގައި ވެސް ތިކި ޖަހަން ޖެހޭނެ ހެއްޔެވެ. އެ ސުވާލުތަކަށް ޖަވާބެއް ބޭނުންވެ އެވެ.
ތިކި ޖެހި ތާނައިގެ އޮޅުން ބޮޅުންތަކަށް އޮތް ހައްލަކީ ކޮބައިތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވި ބޭފުޅުންގެ ތެރެއިން ތިންވަނަ ބައެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ އެ އަކުރުތައް އުވާލުމާ ދެކޮޅު އެހެން ނަމަވެސް އެ އަކުރުތައް މިހާރު ބޭނުންކުރެވެމުން އަންނަ އުސޫލު ހަރުދަނާ ކޮށްގެން މައްސަލައަށް ހައްލު ގެނެވިދާނެ ކަމަށް ދެކެވަޑައިގަންނަވާ ބޭފުޅުންނެވެ.
ބަހުގެ އިލްމުވެރިޔެއް ކަމަށްވާ އިޔާޒު ނަސީމު ވިދާޅުވީ ރަނގަޅު އަޑުން ބަސްކިޔަން ދަސްކޮށް ދޭންވީ ކަމަށެވެ. އިޔާޒު އިތުރަށް ވިދާޅުވި ގޮތުގައި އަކުރަކީ އަޑުގެ ރަމްޒެވެ. ރަނގަޅު އަޑުން ބަސްކިޔަން ދަސްކޮށްދިނުމާއި އެ ބަސްތައް ކިޔާ އަޑުން ލިޔަން ދަސްކޮށް ދިނުމަކީ މުހިންމު ކަމެކެވެ.
"ތިކި ޖެހި ތާނައިގެ އޮޅުން ބޮޅުން، ތާނައިގެ އޮޅުން ބޮޅުން، ދިވެހި ބަހުގެ އޮޅުން ބޮޅުން،" އޮޅުން ބޮޅުން ވެފައިވާ ކަންތަކެއްގެ ލިސްޓެއް ލިޔުއްވަމުން ފުންނާބު އުސް ލިޔުންތެރިއެއް ކަމަށްވާ އަހުމަދު މާޖިދު ސުވާލު ކުރެއްވީ މިހާރު ދެން އޮޅުން ބޮޅުން ނާރަނީ ކޮން ކަމެއްގައިތޯ އެވެ.
މާޖިދު އެ ކުރެއްވި ސުވާލަކީ ހަގީގަތުގައި ވިސްނާލަން ޖެހޭ ވަރަށް މުހިންމު ސުވާލެކެވެ. ރައްޔިތުންގެ މަޖިލިސް ޖަލްސާތަކުގަ އާއި ޓީވީ ރޭޑިޔޯގެ ވަގުތުން ހުށަހަޅައިދޭ ޕްރޮގްރާމްތަކުގައި ވެސް ވަރަށް ގިނަ ބަޔަކަށް ރީތި ދިވެހި ބަހުން އެއް ދަރަޖައަކުން ވާހަކަ ދައްކަން ނޭނގިގެން އުޅޭތަން މިހާރަކަށް އައިސް ވަނީ އާންމު ކަމަކަށް ވެފަ އެވެ. އެ އުސޫލުން ބަލާއިރު ބަޔަކަށް ނޭނގޭ ކޮންމެ އެއްޗެއް އުވާލަން ޖެހޭ ނަމަ ދާދި އަވަހަށް ދިވެހި ބަސް ވެސް އުވާލަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ތިކި ޖެހި ތާނައިގެ މައްސަލައަށް އޮތް ހައްލަކީ ކޮބައިތޯ މާޖިދާ އަނެއްކާ ވެސް ސުވާލު ކޮށްލީމެވެ. މާޖިދު ވަރަށް ޚުލާސާ ގޮތެއްގައި ހައްލުތަކެއްގެ ލިސްޓެއް ހުށަހެޅުއްވި އެވެ.
މާޖިދުގެ ވާހަކައިގެ ޚުލާސާއަކީ ތިކި ޖެހި ތާނައޭ މިކިޔާ އަކުރުތައް އަލުން ދިރާސާކުރަން ޖެހިފައިވާ ކަމެވެ. އޭގެ ތެރޭގައި ހުރި ދިވެހި ބަހުގެ ތެރެއަށް ނުފެތި ހުރި އަކުރުތައް އުވާލަން ޖެހެ އެވެ. މިސާލެއްގެ ގޮތުން ޘ އަކީ ދިވެހި ބަހުން ލިޔަން އެއްގޮތަކަށް ވެސް ބޭނުންކުރާ އަކުރަކަށް ނުވާތީ ތިކި ޖެހި ތާނައިގެ ތެރޭގައި އެ އަކުރު ބާއްވާކަށް ނުޖެހެ އެވެ. އެފަދަ އަކުރުތައް އުވާލުމަށް ފަހު ދިވެހި ބަހުގެ އަކުރުތަކާ ލާމެހިފައިވާ އަކުރުތަކަށް ތިކި ޖެހި ތާނައޭ ކިޔުމުގެ ބަދަލުގައި އެ އަކުރުތައް ދިވެހި އަކުރުތަކުގެ ލިސްޓުގައި ހިމަނައިގެން ބަސް ދަސްކޮށްދޭ ފޮތްތައް ހެދުމެވެ. ހަމަ އެއާއެކު ތުއްތު ކުދިންނަށް އަކުރު އުގަންނައިދޭއިރު، ރަނގަޅު އަޑުން ބަސްތައް ކިޔަން ދަސްކޮށްދިނުމެވެ.
ބަސް ކިޔަވައި ދިނުމުގައި އެބަހެއްގެ އަޑުތައް ރަނގަޅަށް ދަސްކޮށްދިނުމަކީ މުހިންމު ކަމެކެވެ. ހަމަ އެއާއެކު އެއަޑުތަކުން ރަނގަޅަށް ލިޔަން ދަސްކޮށްދޭން ޖެހެ އެވެ. އިނގިރޭސި ބަސް ދަސްކުރާއިރު އެބަހުގެ ސްޕެލިންގަށް ސަމާލުކާން ދޭންޖެހޭ މިންވަރު އަންދާޒާ ކޮށްލަން ނޭނގޭ މީހަކު މިހާރު ދިވެހިންގެ ތެރޭގައި ހުންނާނެ ހެނެއް ހިޔެއް ނުވެ އެވެ. ހަމަ އެފަދައިން ދިވެހި ބަހުގެ އަޑުތައް ވެސް ދަސްކޮށްދޭން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ގަބޫލުކުރަން ޖެހެ އެވެ.
އަކުރުތަކުގައި ތިކި ޖަހަން ޖެހޭތޯ ނުވަތަ ނޫންތޯ ނިންމުމަކީ ބަހާ ބެހޭ އިދާރާގެ މަސްއޫލިއްޔަތެކެވެ. ލިޔަންވީ ގަވައިދު ތޯ ނުވަތަ ޤަޥާޢިދު ތޯ ކަނޑައަޅަން ޖެހެ އެވެ. މިފަދަ ހުރިހާ ބަސްތަކެއް ލިޔަންވީ ގޮތް ދިވެހި ބަހުގެ އެކަޑަމީން ކަނޑައެޅުމަށްފަހު ސްކޫލުތަކުގެ ކަރިކިއުލަމުގައި ހިމަނައިގެން ބަސްތައް ދަސްކޮށްދިނުމަކީ ތައުލީމާ ބެހޭ ވުޒާރާގެކަމެކެވެ. ދިވެހި ބަސް ސަލާމަތުން ދެމެހެއްޓުމަށްޓަކައި ބަހުގެ އެކަޑަމީ އާއި އެޑިއުކޭޝަން މިނިސްޓްރީގެ ޒިންމާ ބޮޑެވެ. ތިކި ޖެހި ތާނައިގެ އޮޅުން ބޮޅުމަށް ހައްލު ހޯދަން ޖެހެ އެވެ. ދިވެހި ބަސް އަމިއްލަ ބަހެއްގެ ގޮތުގައި ދެމިއޮތުމަށްޓަކަ އެވެ.
ޖެހިގެން ތިޔައުޅެނީ ތިކިޖެހި ތާނައިގެ މައްސަލައެއް ނޫން. އެއީ ކޮން އެއްޗެއްކަން އަދި އެ ބޭނުންކުރާނީ ކިހިނެތް ކަން ނޭނގޭތީ ޖެހިގެން އުޅޭ މައްސަލައެއް. ތިކިޖެހިތާނަ އަކީ މުހިއްމު އެއްޗެއްކަން އަންނަނިވި ދެ ބަހުންވެސް އެނގޭނެ:- ހަބަރު ޚަބަރު.