މޮސްކޯ (17 ފެބްރުއަރީ) ސުލްހައިގެ މަޝްވަރާތަކަށް ރަޝިއާއިން މިހާރު ވެސް ތައްޔާރު ކަމަށް އެގައުމުން އިނގިރޭސި ވިލާތަށް ކަނޑައަޅާފައި ހުންނަ ސަފީރު އެންޑްރެއި ކެލިން ވިދާޅުވެއްޖެ އެވެ.

އަލް އަރަބިއްޔާއަށް ދިން އިންޓަވިއުއެއްގައި އެންޑްރެއި ވިދާޅުވީ މިދިޔަ އަހަރު އޭޕްރީލް މަހު ފެށި ސުލްހައިގެ ވާހަކަތައް ވެސް ނިމުމަކަށް އައީ އެމެރިކާއާއި އިނގިރޭސި ވިލާތުގެ މަޝްވަރާގެ މަތިން ޔޫކްރެއިނުން ހަނގުރާމަ ވަރުގަދަ ކުރުމުން ކަމަށެވެ.

ސުލްހައިގެ ވާހަކަތަކަށް ފުރުސަތު އޮތް ކަމަށް ރަޝިއާގެ ރައީސް ލަމިޑިއާ ޕުޓިން މިދިޔަ ޑިސެމްބަރު މަހު ވިދާޅުވި ނަމަވެސް ޔޫކްރެއިނުން ވަނީ ރަޝިއާގެ އިތުރު ހަމަލާތަކަކަށްފަހު އެ ހުށައެޅުމަށް އިންކާރުކޮށްފަ އެވެ.

ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ސުލްހައިގެ އެއްބަސްވުމެއް އަންނަ ހަފްތާގެ ތެރޭގައި އދގެ އާއްމު މަޖިލީހުގައި ވޯޓަށް އެހޭނެ އެވެ. މި އެއްބަސްވުމުގައި ދެގައުމުގެ މެދުގައި ވީހާވެސް އަވަހަކަށް ސުލްހަ ގާއިމު ކުރަން ބާރު އަޅާފައިވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެންޑްރިއު އޭނާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ޔޫކްރެއިންއަކީ މިހާރު ރަޝިއާއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި އެގައުުމުގެ އަސްކަރީ ބާރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ވެސް ރަޝިއާއާއި ނޭޓޯގެ ގައުމުތަކާ ދެމެދު އޮތް ގުޅުންތައް ހީނަރުވަނީ ހުޅަނގުން ގެންގުޅޭ އެންޓި ރަޝިއާ ޕްރޮގްރާމްގެ ސަބަބުން ކަަމަށް ވެސް އެންޑްރެއި ވިދާޅުވި އެވެ.

ރަޝިއާއިން ޔޫކްރެއިންއަށް އަރައި ހަނގުރާމަ ފެށިތާ އަހަރެއް ވާން ކައިރިވެފައިވާއިރު ދެފަރާތުގެ ހަަމަލާތައް ވެސް ވަނީ އިހުނަށްވުރެ ވަރުގަދަކޮށްފަ އެވެ. -- އަލް އަރަބިއްޔާ