ބެއިޖިން (19 ފެބްރުއަރީ) މިމަހުގެ ކުރީކޮޅު އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ޗައިނާގެ ޖާސޫސީ އުޅަނދެއް ކަމަށް ބުނާ "ސްޕައި ބެލޫން"ގެ މައްސަލަ އެމެރިކާއިން އިތުރަށް ބޮޑުކޮށްފިނަމަ މަޝްރަހު ގޯސްވާނެ ކަމަށް ޗައިނާއިން ބުނެފި އެވެ.

ޗައިނާއިން ބުނެފައިވަނީ ނަހަމަ ފައިދާ ހޯދުމަށްޓަކައި އެމެރިކާއިން ޖާސޫސީ އުޅަނދުގެ މައްސަލަ ބޭނުން ކުރަމުން އަންނަ ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"މަވްސަލަ އިތުރަށް ބޮޑުކުރުމުން ދިމާވެދާނެ އެއްވެސް ކަމަކަށް ޒިންމާވާން ޖެހޭނީ އެމެރިކާއިން" ޗައިނާގެ ފޮރިން މިިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެމެރިކާއިން އުޅަނދު ފެނުނުކަން ހާމަކުރުމާއެކު ޗައިނާއިން ވަނީ އެއީ އެގައުމުގެ ސައިންޓިފިކް ދިރާސާތަކުގައި ބޭނުންކުރާ އުޅަނދެއް ކަމަށާއި އެމެރިކާގެ ވައިގެ ސަަރަހައްދަށް އުޅަނދު ވަދެފައިވަނީ މިސްރާބު އޮޅިގެން ކަމަށް ބުނެފަ އެވެ.

އެހެން ނަމަވެސް އެއީ އެމެރިކާގެ ވައިގެ ދަތުރުފަތުރަށް ހުރި ނުރައްކަލެއް ކަމަށް ބުނެ އެގައުމުން ވަނީ އެ އުޅަނދު ވައްޓާލާފަ އެވެ.

ޗައިނާއިން މި ބީދައިން ބަޔާނެއް ނެރެފައި މިވަނީ އެގައުމުން ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް ބުނެ އެމެރިކާއިން ވެސް ޗައިނާއަށް އިންޒާރުދީފައި ވަނިކޮށެވެ. -- އަލް އަރަބިއްޔާ