ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ނައީމު އާއި ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަހުމަދު އާމިރަށް ފިޔަވަޅު އެޅުމަށް ޖޭއެސްސީން ނިންމައިފި އެވެ.

ޖޭއެސްސީން ނިންމާފައި ވަނީ ޑްރަގް ކޯޓުގެ ނައީމް ފަނޑިޔާރެއްގެ ސުލޫކާ ޚިލާފުވާކަމަށް ނިންމައި ނަސޭހަތް ދިނުމަށެވެ. އަދި ރަށްވެހިކަން ބަދަލުކުރުމުގައި ބަޔަކު ލައްވައި ދޮގު މައުލޫމާތު ދިން މައްސައެއްގައި ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އާމިރު ސަސްޕެންޑްކުރުމަށް ވެސް ޖޭއެސްސީން ނިންމާފައިވެ އެވެ.

ގާޒީ ނައިމާ ގުޅޭގޮތުން ބަލާފައިވަނީ ފަނޑިޔާރުންނަށް ފްލެޓް ދިނުމާއި ގުޅޭގޮތުން އުއްތަމަ ފަނޑިޔާރާއި، ޖުޑީޝަރީގެ އިސްވެރިން ހިމެނޭ ވައިބާ ގްރޫޕަށް ގާޒީ ނައީމް ފޮނުވި މެސެޖެއްގެ މައްސަލަ އެވެ. މި މެސެޖުގައި ނައީމް ވަނީ ފްލެޓް ލިބުމުގެ މައްސަލަ ހައްލުކުރުމުގައި ހަރުކަށި މަސައްކަތްތަކެއް ޖުޑީޝަރީ ތެރެއިން ކުރަންޖެހޭ ފަދަ އިބާރާތަކުން ލިޔުއްވާފައި ކަމަށް ޖޭއެސްސީން ތުހުމަތުކުރެ އެވެ.

މިމައްސަލައިގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ކަނޑައަޅާފައިވާ މިންގަނޑާއި ޚިލާފުވެފައިވާތީ ނިންމާފައި ވަނީ ފަނޑިޔާރު ނައީމަށް ނަސޭހަތް ދިނުމަށެވެ.

ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އާމިރުއާ ގުޅޭގޮތުން ހުށަހަޅާފައި ވަނީ ރަށްވެހިކަން ބަދަލުކުރުމުގައި ބަޔަކު ލައްވައި ދޮގު މައުލޫމާތު ދިން މައްސައެކެވެ.

ޖޭއެސްސީ އިން ބުނީ އާމިރު ދ. ކުޑަހުވަދޫއަށް ރަށްވެހިކަން ބަދަލުކުރުމަށް އެދި އެ ރަށު ކައުންސިލް އިދާރާއަށް ހުށަހެޅިއިރު ދޮގު މައުލޫމާތާއި ބަޔަކު ލައްވައި ދޮގު ހެކިބަސް ދީފައިވާ ކަމަށެވެ.

މިކަމުގައި ފަނޑިޔާރު އާމިރު އަމަލު ކޮށްފައިވަނީ ފަނޑިޔާރުންގެ ގާނޫނާއި އަދި ސުލޫކީ މިންގަނޑާއި ޚިލާފަށް ކަމަށް ޖޭއެސްސީން ބުނެ އެވެ.

އާމިރު ސަސްޕެންޑް ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވަނީ ދެ ހަފްތާގެ މުއްދަތަކަށެވެ. މި މުއްދަތުގައި އޭނާއަށް މުސާރައާއި އިނާޔާތް ނުލިބޭނެ ކަމަށް ޖޭއެސްސީން ބުނެ އެވެ.