އަބަދުވެސް އަޑުއިވޭ ވާހަކައަކީ އާދައިގެ ހަނޑުލަށް ވުރެ މުށި ހަނޑުލުގެ ފައިދާބޮޑު ވާހަކައެވެ. އެހެން ނަމަވެސް މި ދެބަވަތުގެ ފައިދާ އަޅާ ކިރާލަން އަޅުގަނޑުމެންނަށް ވަގުތެއް ނުވެ އެވެ. މިދެ ބާވަތުގައިގެ ފައިދާ ހުރިވަރު ބަލައިލަމާ ހިނގާށެވެ.

ދާދިފަހުން އޫއެސް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ އިންވަނީ މިދެބާވަތުގެ ހަނޑުލުގައި ފައިދާ ހުރިވަރު ހޯދާފަ އެވެ. އެމީހުން ބުނާގޮތުގައި ހުދުހަނޑުލަކީ މާބޮޑަށް ސާފުކޮށްފައި ހުންނަ އެއްޗަކަށް ވުމުން އޭގައި އެކުލެވިފައިވާ ގުދުރަތީ ތާސީރު މަދެވެ. އަދި އޭގައި ވަރަށް ގިނަ އަދަދަކަށް ކާބޯ ހައިޑްރޭޓް އެކުލެވެ އެވެ. މުށި ހަނޑުލުގައި ގިނަ އަދަދަކަށް ވިޓަމިން އަދި މިނެރަލްސް ހިމެނެ އެވެ.

ހުދު ހަނޑުލުގައި ގިނަ އަދަދަކަށް ފޯލިކް އެސިޑް ވެސް ހިމެނުނު ނަމަވެސް އެއިން ނިއުޓްރިޝަން ދަށް ވަނީ ހަނޑޫ ސާފުކުރުމުގައި އާޓިފިޝަލް ގޮތްތަކެއް ގެންގުޅޭތީ ކަމަށް އެ ދިރާސާގައި ބުނެ އެވެ. ހުދު ހަނޑުލުގައި މަދު ތާސީރު ހިމެނޭތީ އޭގައި އަވަހަށް ހަޖަމް ކުރުމުގެ ބާރު ހުރެ އެވެ. އެހެން ނަމަވެސް މުށި ހަނޑޫ ހަޖަމު ކުރަން ގިނަ ވަގުތު ނަގަ އެވެ.

ޔޫއެސް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރުން ބުނެފައިވާގޮތުގައި ކައްކާފައި ހުންނަ މުށި ހަނޑުލުގެ އެއް ޖޯޑުގައި 218 ކެލޮރީ ހިމެނެ އެވެ. ހުދުހަނޑުލު ބަތް ޖޯޑެއްގައި ހުންނަނީ 242 ކެލޮރީ އެވެ. އެހެން ކަމުން ކެލޮރީ ދަށްކުރަން ބޭނުން މީހެއް ނަމަ މުށި ހަނޑޫ ހިޔާރު ކުރުން ރަނގަޅެވެ.

ޔޫއެސްޑީއޭ ގެ ރިޕޯޓްގައި ބުނާގޮތުން އެއްޖޯޑު މުށި ހަނޑުލުގައި 46 ގ ކާބޯހައިޑްރޭޓްސް އެކުލެވެ އެވެ. އަދި ހުދު ހަނޑުލުގެ ބަތް ޖޯޑެއްގައި 53ގ ކާބްސް ހިމެނެ އެވެ. މުށި ހަނޑުލުގައި ހުދު ހަނދުލަށް ވުރެ ވިޓަމިންސް އަދި މިނެރަލްސް ގިނަ އެވެ. ޕްރޮޓީން ހިމެނޭ ވަރަށް ބަލައިލާއިރު މި ދެބާވަތުގައި ވެސް 4.5ގ ޕްރޮޓީން ހިމެނޭ ކަމަށް މި ދިރާސާގައި ބުނެ އެވެ.

މި ހުރިހާ ކަމަކަށް ބަލައި ގޮތެއް ނިންމާނީ ހަމަ ގަންނަ ބޭފުޅުންނެވެ.