މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރެއްގެ މެންބަރުކަމުގެ ދައުރު ހަމަވާތީ، އެ މަގާމަށް ކުރިމަތިލި ހަތަރު ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރެއްވުމަށް ރައީސް ނިންމެވީ، މިހާރު އެކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ އަމްޖަދު ވަހީދުގެ މެންބަރުކަމުގެ ދައުރު މާޗް 15އަށް ހަމަވާތީ އެވެ. އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސް އިސްކަންދެއްވާ 4 ނަމެއް ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށް ފޮނުއްވި ނަންތައް

  1. ޝިހާމް މުހައްމަދު ވަހީދު، ރސ.51432
  2. ޝާން ސޯލިހު މުޙައްމަދު، ފިނިވާދީ، ދ. ކުޑަހުވަދޫ
  3. ޙުސައިން އަމްރު، ވ. ރޯޝަން
  4. ޝަފާ ޝަފީގް، ބިއްލޫރިވިލާ. ދ. މީދޫ

މި ހަތަރު ނަން ދިރާސާކުރުމަށް ފޮނުއްވާފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ. ބްރޮޑްކޮމްގެ މެންބަރު އަދި ނައިބު ރައީސް އަހުމަދު ގައިސް މިދިޔަ މަހުގެ ތެރޭގައި އިސްތިއުފާދެއްވުމުން އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް މަޖިލީހުގެ ކޮމިޓީން މިހާރު ވަނީ ފާސްކޮށް ތަޅުމަށް ފޮނުއްވާފަ އެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކާސްޓިން ކޮމިޝަންގައި މިހާރު ތިއްބެވީ، އެ ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާއާއި، ނާއިބު ރައީސް މުހައްމަދު ފަޒީންގެ އިތުރުން ކޮމިޝަންގެ މެންބަރުން ކަމަށްވާ އަމްޖަދު ވަހީދާއި، އަލީ ޔޫސުފާއި، އާމިނަތު އަމީނާއާއި، ޝިފްލާ އިބްރާހީމް އެވެ.