ހުޅުމާލޭގައި ހިންގާ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކްލިނިކެއް މާލޭގައި ހުޅުވައިފި އެވެ.
"ޓީޓީއެޗް ކްލިނިކް"ގެ ނަމުގައި ހުޅުވި އެ ކްލިނިކަކީ ފިޒިއޮތެރަޕީ އާއި ރިހެބިލިޓޭޝަން އަދި ކުޑަކުދިންނަށް ހާއްސަ ސްޕީޗް ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީގެ އިތުރުން ލެބޯޓްރީގެ ހިދުމަތްތައް ދޭ ތަނެކެވެ.
އެ ތަނުގެ ލެބޯޓްރީއިން ޓްރީ ޓޮޕް ހޮސްޕިޓަލުން ހެއްދޭ ހުރިހާ ޓެސްޓެއް ހެއްދޭނެ އެވެ. އަދި އެ ތަނުގައި ހިދުމަތް ދޭނީ ހޮސްޕިޓަލުގައި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުންނެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ނުލިބޭ އާ ހިދުމަތެއްގެ ގޮތުގައިި ސްޕޯޓްސް ތެރަޕީގެ ހިދުމަތް ވެސް އެ ތަނުގައި ވަނީ ފަށައިފަ އެވެ.
އެ ކްލިނިކް ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި، އެ ކްލިނިކް ހުޅުވައިދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އެވެ.
ޓްރީ ޓޮޕްގެ އެއް ޑިރެކްޓަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފުގެ އަމިއްލަގެ މއ. ޗަމްޕާވިލާގައި ހެދި ކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރީ ޓޮޕް ހޮސްޕިޓަލްގެ އޮޕަރޭޓިން އޮފިސަރު އާދިލް މޫސާ ވިދާޅުވީ، ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭ ބައެއް ހިދުމަތްތަކާ އެކު މާލޭގައި ކްލިނިކެއް ހުޅުވީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައަކަށް ކަމަށެވެ.
"ހުޅު ބަދަލުކުރުުން ފަދަ ބޮޑެތި އޮޕަރޭޝަން ކުރާ މީހުންނަށް ދަތި ކަމަކަށްވޭ ހޮސްޕިޓަލަށް ދިގު މުއްދަތަކަށް ތެރަޕީ ހޯދަން ދާނެ ޖެހުނީމަ. އެހެންވެ އަޅުގަނޑުމެންގެ ހިދުމަތްތައް ހޯދާ ބަލިމީހުންނަށް ލުއިފަސޭހަ ގޮތެއް ހޯދާދީ އަޅުގަނޑުމެންގެ ހިދުމަތްތައް ވެސް އިތުރަށް ފުޅާކުރުމަށް ބޯޑުން މި ފަދަ ތަނެއް ހެދުމަށް ނިންމުމާ ގުޅިގެން އަޅުގަނޑުމެން މި ތަން މި ހުޅުވީ." އޭނާ ވިދާޅުވި އެވެ.
އާދިލް ވިދާޅުވީ މާލޭގައި މި ހިދުމަތްތައް ފެށުމުން، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ޓްރީ ޓޮޕަށް ފިޒިއޮތެރަޕީގެ ހިިދުމަތް ހޯދަން ދާ ބަލިމީހުންނަށް ފަސޭހައަކަށް ވާނެ ކަމަށެވެ. ޓްރީ ޓޮޕް ހޮސްޕިޓަލެކޭ އެއްގޮތަށް މާލޭގައި ހުޅުވި ކްލިނިކުން ވެސް ދުވާލަކު 80-90 ބަލިމީހުންނަށް ޕިޒިއޮތެރަޕީގެ ހިދުމަތް އެ ކްލިނިކުން ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރީ ޓޮޕްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނަޒީރު ވިދާޅުވީ ޕްރައިވެޓް ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް ސިއްހީ ދާއިރާގެ ހުރިހާ އޮތޯރިޓީތަކެއްގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ސިއްހީ ހިދުމަތް ކުރިއެރުމަށް އެ ހޮސްޕިޓަލުން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާސަންދަ ހިދުމަތް ވެސް ލިބޭ އެ ކުލިނިކު ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން އާދިއްތަ އަށް ހެނދުނު 8 އިން ރޭގަނޑު 10އަށެވެ.