ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީއޭއާއެކު ކޯލިޝަން ހެދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

ޕީޕީއެމް ޕީއެންސީން މިއަދު އެމްޑީއޭއާއެކު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ ޕީޕީއެމް އާއި އެމްޑީއޭއަކީ ވަކިނުކުރެވޭނެ ވަރުގެ ގާތް ދެ ޕާޓީ ކަމަށާއި އެމްޑީއޭއާއެކު ކޯލިޝަން ހެދޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށެވެ.

ޝުޖާއު ވިދާޅުވީ ގޮތުގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް އާއި ރައީސް ޔާމީން އަކީ ވަރަށް ގާތް ދެ ބޭފުޅުން ކަމަށާ ރައީސް ޔާމީންގެ ސަރުކާރު ކޯލިޝަންގައި އެމްޑީއޭ އޮތުމަކީ އެކަމުގެ ހެއްކެއް ކަަމަށެވެ.

"ހަގީގަތުގައި ޕީޕީއެމް، ޕީއެންސީ، އެމްޑީއޭ މި ތިންް ޕާޓީއަކީވެސް އެއް ޕާޓީއެއް. މިއަދު މި ބޭއްވުނީ ވަރަށް ބިނާކުރަނިވި ބައްދަލުވުމެއް،" ޝުޖާއު ވިދާޅުވި އެވެ.

އެމްޑީއޭގެ ނާއިބު ލީޑަރު އަލީ މައުރޫފް ވިދާޅުވީ ޕީޕީއެމްއާއެކު ކުރެވުނީ ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށެވެ. އަދި ހުކުރު ދުވަހު އެމްޑީއޭގެ ގައުމީ ކައުންސިލްގެ ބައްދަލުވުމެއް އޮންނާނެ ކަމަށާ އެ ދުވަހާއި ހަމައަށް ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެެވެ.

"އެމްޑީއޭ އިން ގޮތް ނިންމާނީ އެންމެ ރަނގަޅު ބަޔަކާ އެކު ކުރިއަށްދާން. އެކަމަށް އަދި ވަގުތު ނަގާނެ" މައުރޫފް ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ މަންދޫބުންވެސް މިއަދު ވަނީ އެމްޑީއޭގެ ލީޑަޝިޕުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންނާ ބައްދަލުކުރައްވާފަ އެވެ.