ބަންގްލަދޭޝްގެ މުހައްމަދު ލިޓަންގެ ގަސްދުގައި މަރާލުމުގެ ދައުވާ ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމްގެ މައްޗަށް ސާބިތު ކުރެވޭނެ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ނިޒާމް އާއި ލިޓަން ދަތުރުކުރި ތެޔޮ ބޯޓެއް ގެއްލިގެން އެ ބޯޓު ހޯދަމުން ދަނިކޮށް ބޯޓު ފެނުނު ނަމަވެސް ނިޒާމް އާއި ލިޓަން ނުފެނުނެވެ. ނިޒާމް ފަހުން ފެނުނީ މާލެ ތެރޭގައި އުޅެނިކޮށެވެ. ނިޒާމް ހައްޔަރު ކުރީ ލިޓަން އާއި ނިޒާމް ގެއްލުނުތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. ފުރަތަމަ ވެސް ފުލުހުން އޭނާގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މެރުމުގެ ތުހުމަތެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕްރޮސެކިއުޓަ ޖެނެރަލް ޝަމީމް މިއަދު ވިދާޅުވީ ނިޒާމްގެ މައްޗަށް ތިން ދައުވާއެއް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއީ ގާނޫނުލް އުގުބާތުގެ ދަށުން، ގަސްދުގައި މީހަކު މެރުމާއި، ވައްކަމާއި، މަސްތުވާތަކެތީގެ މުއާމަލާތު ކުރުމުގެ ކުށުގެ ދައުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ގުޅިފައި ހުރި ހެކިތަކަށް ބަލާއިރު އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެން ކޯޓުގައި ސާބިތުކޮށްދޭނަން އޭނާ އެކުރި ކަމަކީ މީހަކު މަރުވެދާނެ ކަމެއްކަން. އަދި އެއީ އެހެން ނަތީޖާއެއް ނުނިކުންނަ ކަމެއްކަން،" އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ނިޒާމްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކުރާއިރު ސުޕްރީމް ކޯޓުން ޝީރީންގެ މަރުގެ މައްސަލައިގައި ނިންމާފައި ހުރި ކަންކަމަށް ރިއާޔަތް ކުރާނެ ކަމަށެވެ.

"އެމައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާފައި އެބައޮތް މީހަކު ދިރިހުއްޓާ އެންމެ ފަހުން ފެނުނު މީހާގެ މައްޗަށް އަންނަން ކަންތައްތަކެއް. އޭގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުން ވެސް މިފަދަ މައްސަލަތަކުގައި ކަންކަން ކޮށްފައި އޮތް ގޮތްތައް އަޅުގަނޑުމެން ބަލާނަން،" އޭނާ ވިދާޅުވި އެވެ.

ޝީރީން މަރާލި މައްސަލައިގައި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހްގެ މައްޗަށް ކުށް ސާބިތުވި ހުކުމުގައި ސުޕްރީމް ކޯޓުން ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގައި ފުރަތަމަ ފަހަރަށް "ދަ ލާސްޓް ސީން ތިއަރީ" އަށް ގާނޫނީ ބާރުދީފަ އެވެ. އެ ތިއަރީއަކީ މަރުވި މީހާއާއެކު އެންމެ ފަހުން އުޅުނު މީހާ ޖަވާބުދާރީވާން ޖެހޭ ތިއަރީ ނުވަތަ އުސޫލެވެ. އެއީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ބަލައިގެންފައި އޮންނަ ގާނޫނީ އުސޫލެކެވެ.

ޝަމީމް ވިދާޅުވީ ތަހްގީގަށް ބައެއް ވާހަކަތައް ނިޒާމް ކިޔައިދީފައިވާ ކަމަށާއި އަދި ބައެއް ހެކިތައް ވެސް ތަހްގީގަށް ހޯދިފައިވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ ތެޔޮ ބޯޓުގައި ހުރި ފައިސާ ވަގަށް ނެގިކަމުގެ ތުހުމަތު ވެސް ނިޒާމްގެ މައްޗަށްކުރެވޭ ކަމަށާއި، އެކަމަށް ބާރު ލިބޭ ހެކިވެސް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ނިޒާމް ހައްޔަރުކުރި ވަގުތު އޭނާގެ އަތުގައި މަސްތުވާތަކެތި ހުރިކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

ލިޓަން މަރާލިކަމުގެ ތުހުމަތު ނިޒާމްގެ މައްޗަށް ކުރެވޭއިރު، އަދިވެސް ލިޓަން ފެނިފައެއް ނުވެ އެވެ. މިދިޔަ މަހުގެ 2 ވަނަ ދުވަހު ވ. އަތޮޅު ވެމްޕަރު ފަޅުން ފެނުނު ހަށިގަނޑަކީ ލިޓަންގެ ހަށިގަނޑުކަމަށް ބެލެވުނެވެ. ނަމަވެސް އެ ހަށިގަނޑު ސާމްޕަލް ނަގައި ޓެސްޓުކުރުމަށްފަހު ފުލުހުން ވަނީ އެއީ ލިޓަންގެ ހަށިގަނޑު ނޫން ކަމަށް ފުލުހުން ބުންޏެވެ.

ނިޒާމް ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދަށް ވަނީ ދެ މަސް ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ.