ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ފެއްޓެވި "ބޮޑު ބަދަލު" އިސްލާހީ މަސައްކަތުގައި އަދިވެސް ސާބިތުކަމާއެކު ދެމިހުންނެވި ކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒް މިހެން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރައީސް ނަޝީދު ވާދަކުރައްވަންޖެހޭ ކަމަށް ބުނެ ބައެއް އާންމު މެންބަރުން ވާހަކަދައްކަން ފެށުމުން، "ބޮޑު ބަދަލު" ގެ ނަމުގައި ހަދާފައިވާ ވަޓްސްއެޕް ގްރޫޕަކުން އޭނާ ވަކިވެވަޑައިގެންނެވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރުނު ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
މިކަމާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، "ބޮޑު ބަދަލު" ނަމުގައި ހިންގަމުންދިޔަ ވަޓްސްއެޕް ގްރޫޕަކުން މީގެ ތިން ހަފުތާ ކުރިން އޭނާ ނުކުމެވަޑައިގެންނެވި ނަމަވެސް، އެއީ އެ މަސައްކަތުގެ ރަސްމީ ގްރޫޕެއް ނޫން ކަމަށެވެ. އަދި މި އިސްލާހީ ހަރަކާތަށް އެއްވެސް ބަދަލެއް ނާންނަކަން ސާފުކޮށްދެއްވަމުން އޭނާ ވިދާޅުވީ، ދެ ޓީމުގެ މަސައްކަތް ނިންމާލާނީ ގައުމަށް ބޭނުންވާ ބޮޑު ބަދަލު ގެނައުމަށްފަހު ކަމަށެވެ.
"މާތް ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑާއި ރައީސް މުހައްމަދު ނަޝީދު އަދި އަޅުގަނޑުމެން ދެ ޓީމުގެ މަސައްކަތް ނިންމާލާނީ މި ރާއްޖެއަށް ގެންނަން ކޮންމެހެން ޖެހިފައިވާ ބޮޑު ބަދަލު ގެނައުމަށްފަހު،" ފައްޔާޒް ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ފައްޔާޒް އެ ގްރޫޕުން ވަކިވެވަޑައިގަތީ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވަން ޖެހޭނެ ކަމަށް ބުނެ ގްރޫޕްގެ ބައެއް މެންބަރުން ތަކުރާރުކޮށް މެސެޖު ކުރަން ފެށުމުންނެވެ. ވަކިވެވަޑައިގަތުމުގެ ކުރިން ފޮނުއްވި މެސެޖުގައި ފައްޔާޒް ވިދާޅުވެފައިވަނީ، އެ ގްރޫޕް އުފެއްދި މަގުސަދު މިހާރު ގެއްލިފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ކޮންމެ ބޭފުޅަކަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ.
ކުރިން ސިޔާސީ ގޮތުން ވާދަވެރިކޮށް ފެނުނު ނަމަވެސް، ފައްޔާޒާއި ރައީސް ނަޝީދު އެކުގައި މަސައްކަތް ފެއްޓެވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު ގެންނެވުމުގެ ކެމްޕޭނާ އެކުގަ އެވެ. އެއާއެކު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކަށް ފައްޔާޒު ނެރުމަށް ނަޝީދު ތާއީދުކުރެއްވި އެވެ.
ތިލަފުށީ އާ ޕޯޓުގެ އިމާރާތްތައް ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަނީ
ރައީސް އޮފީހުގެ ކުރީގެ މުވައްޒަފުގެ ޕާސްޕޯޓް ހިފަހައްޓައިފި
އިސްތިހާރެއްގައި ކްރިތީ ބޭނުންކުރި ހެދުމެއްގެ ސަބަބުން ހޫނުފެނަށް