ވ. ރަކީދޫ، އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރާލުމުގެ ކުށް ސާބިތުވެ އެ ކުއްޖާގެ މަންމަ އާފިޔާ މުހައްމަދު މަނިކު 20 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި އެވެ.

އިބްރިހާލް މަރާލާފައި ވަނީ 2015 ވަނަ އަހަރުގެ ކުރީކޮޅު ނޭވާ ހާސްކޮށްލައިގެންނެވެ. ތަކުރާރުކޮށް އިބްތިހާލަށް އަނިޔާ ކޮށްފައިވާނެ ކަމަށް ވެސް އާފިޔާ ވަނީ ތަހުގީގުގައި އިއުތިރާފުވެފަ އެވެ.

ދައުލަތުން އޭނާގެ މައްޗަށް އުފުލި ގަސްތުގައި ކުއްޖަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވެ 20 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާއިރު، އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ދައުވާ ސާބިތުވެ އިއްވީ 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.

އަދި އިބްތިހާލް މަރާލާފައި ވާތީ، އިންސާނަކު މެރިކަމުގެ ކުށުގެ ކައްފާރާއެއްގެ ގޮތުން، ހަނދުމަހުން ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް ވެސް އާފިޔާއަށް ވަނީ އަންގައިފައެވެ.

ޝަރީއަތުގެ މަޖިލީހުގައި ދައުވާއަށް އިއުތިރާފުވުމަށްފަހު ފަހުން އާފިޔާ ވަނީ އިއުތިރާފުން ރުޖޫއަވެފަ އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ 28 ވަނަ ދުވަހު އިބްތިހާލްގެ ނޭވާ ހާސްކުރުމުގެ ގޮތުން، އިބްތިހާލުގެ ކަރަށް ފިތާ ބާރުކޮށް ނޭވާހާސްކޮށް، އިބްތިހާލްގެ މޭ މަތީގައި އާފިޔާގެ ދަށް ފައިން ވަރަށް ބާރަށް ތިން ފަހަރު ޖަހާފައި ވާތީ އާއި އިބްތިހާލަށް ދީފައިވާ އަނިޔާތަކުގެ ސަބަބުން އެ ދުވަހުގެ 12:00 ހާއިރު އިބްތިހާލް މަރުވެފައިވާކަން ސާބިތުވާ ކަމަށެވެ.

އަދި އެކި މަރުހަލާތަކުގައި ކުށަށް އިއުތިރާފުވުމަށްފަހު، ފަހުން ޝަރީއަތުގައި އެ އިއުތިރާފު ބަދަލުކުރުމަކީ، އިބްތިހާލު މެރިކަމުގެ ޒިންމާއިން އާފިޔާއަށް ބަރީއަވެވޭނެ ސަބަބެއް ނޫންކަމަށް އެ ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.