ޕްރިޔަންކާ ޗޯޕްރާއޭ ބުނުމުން އެއީ ކާކުކަން ނުދަންނަ މީހަކު މިހާރު ނުހުންނާނެއޭ ބުންޏަސް ދޮގަަކަށް ނުވާނެ އެވެ. ބޮލީވުޑްގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށްފަހު އޭނާ މިހާރު އަންނަނީ ހޮލީވުޑްގައި ފިޔަ ޖަހަމުންނެވެ.

ދާދި ފަހުން ޕްރިޔަންކާ ވަނީ ފިލްމީ ދާއިރާގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އެގޮތުން ފެށިގެން އައި އަހަރުތަކުގައި އޭނާގެ ހަމުގެ ކުލަ ގަދަވުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ޕްރިޔަންކާ ބުނެފައިވެ އެވެ.

2000ގެ ކުރީކޮޅުގައި ބޮލީވުޑަށް ނުކުތް ޕްރިޔަންކާ ބުނީ އޭނާގެ ހަމުގެ ކުލަ "ފަނޑު" ކަމަށް ބުނެ ގިނަ ފިލްމުތަކަކުން ފުރުސަތު ގެއްލިފައިވާ ކަމަށެވެ.

"ހަމުގެ ކުލަ ފަނޑުވުމަކީ ކޮބާ ކަމެއް ނޭނގެ. އަހަރެންގެ ވެސް ހުންނަނީ އިންޑިއާގެ އެހެން މީހުންގެ ގައިގައިވެސް ހުންނަ ކުލަ. އެއީ ނަސްލީ ކަމެއް" ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ އިތުރަށް ބުނީ ފިލްމީ ދާއިރާގެ ތެރެއިން ނޫނަސް އާއްމުންގެ ފަރާތުން ވެސް އޭނާއަށް މަލާމާތާއި ފުރައްސާރަ އަމާޒުވި ކަމަށާއި އޭގެ ސަބަބުން އަމިއްލަ ނަފްސާމެދު ސުވާލު ކުރެވުނު ކަމަށެވެ.

ހަމުގެ ކުލަ އަލުކުރަން ޕްރިޔަންކާ ސާޖަރީ ހެދިކަމަށް އާއްމުންގެ ތެރޭގައި އަޑު ފެތުރިފައި ވީނަމަވެސް ޕްރިޔަންކާ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފައެއް ނުވެ އެވެ.

އުމުރުން 40 އަހަރުގެ ޕްރިޔަންކާ މިހާރު އަންނަނީ އޭނާ ފެނިގެންދާ ހޮލީވުޑް ފިލްމެއް ކަމަށްވާ ސިޓަޑޭލްގެ ޕްރިމިއާ އަށެވެ. ސިޓަޑޭލް ޕްރިމިއާ ކުރަން ހަމަ ޖެހިފައިވަނީ އަންނަ އޭޕްރީލް މަހު އެވެ.