އެކި ވަޒީފާތަކުގައި ރޭގަނޑު ޑިއުޓީކުރަން ޖެހޭ މީހުންގެ އަދަދު އަހަރުމެންގެ ތެރޭގައި ވަރަށް ގިނަ އެވެ. ނަމަވެސް މާބޮޑަށް ވިސްނާ ނުލެވޭ މަކަމަކީ އަހަރުމެންގެ ސިއްހަތު އެތައް ބައްޔަކަށް ހުށައަޅަައިދޭ ކަމެކެވެ. އެހެން ކަމުން ރޭގަނޑު ޑިއުޓީ ކުރަން ޖެހޭ ނަމަ މި ބަލިތަކަށް ސަމާލުވާން ވާނެ އެވެ.

ހަކުރު ބަލި

ޖަޕާނުގެ ހޯދުންތަކުން ދައްކާގޮތުގައި، ރޭގަނޑު ޑިއުޓީގައި މަސައްކަތް ކުރާ މީހުންނަށް އެހެން މީހުންނަށްވުރެ ހަކުރު ބަލި ޖެހުމުގެ ނުރައްކާ 50 ޕަސެންޓް ބޮޑެވެ. އޭގެ ތެރެއިން 16 ގަޑިއިރު މަސައްކަތް ކުރާ މީހުންގެ މި ބަލި އިތުުރުވާކަމަށް ބުނެފައިވެ އެވެ. އަދި އޭގެ އިތުރުން ލޭ މައްޗަށް ދިއުމާއި، ކެލޮސްޓްރޯލް ލެވެލް މަތިވުމަކީ ވެސް މިކަމުގެ ނަތީޖާ އެކެވެ.

ޑިޕްރެޝަން

މިއީވެސް ރޭގަނޑު ޝިފްޓުގެ ސަބަބުން ބައެއް މީހުންނަށް ދިމާވާ މައްސަލައެކެވެ. ކަންކަމާއި ވިސްނަން ފުރުސަތު ލިބެ އެވެ. ނަތީޖާއަކަށްވަނީ ނަފްސާނީ ގޮތުން މީހާ ބަލިކަށި ކޮށްލުމެވެ.

ފަލަވުން

އާއްމުކޮށް މާ ގިނައިން ކެއުމަކީ މީހާ ވަރަށް ބޮޑަށް ފަަލަކޮށްލާ ކަމަކަށްވާއިރު، ދަންވަރަަށް ހޭލާ އުޅޭނަމަ ވަރަަށް ބޮޑަށް ބަނޑުހައިވާނެ އެވެ. އެހެން ކަމުން ދަންވަރު ކެވޭ ވަރު އިތުރުވެ ބަރުދަން އިތުރުވާން މަގުފަހިވެ އެވެ.

އިންސޮމްނިއާ

ޑިއުޓީ ގަޑިތައް ހުންނަ ގޮތުން އެކި ދުވަހު އެކި ގަޑިތަކުގައި ނިދަން ޖެހުމުގެ ސަބަބުން، ހަމަ ނިދި ނުލިބި ރޭގަނޑު ވަކިން ނިދުމާއި ދުރަށް ދެވެ އެވެ. މިގޮތަށް ދިމާވުމުން ކުރިން އަބަދު ރޭގަނޑު ނިދާ މީހާގެ ނިދި ރޭގަނޑަށް ނުލިބި، ދުވަހުގެ ތާވަލު އޮޅުވާލަ އެވެ. އަދި ބައެއް ފަހަރު މަސައްކަތް ކުރުމަށް ފޫހިވެސް ވެއެވެ.