މިހާރަކަށް އައިސް ދިވެހި ޒުވާނުންގެ ތެރޭގައި ވެސް ތުނބުޅި ބެހެއްޓުމަކީ ވަރަށް އާންމު ކަމެކެވެ. އަދި މިއީ މިހާރު ފެޝަނެއްގެ ގޮތުގައި ވެސް ގިނަ ޒުވާނުން ދެކޭ ކަމެކެވެ.

އެފަދަ ފަރާތްތަކަށް ބުނެލަން އޮތީ ތުނބުޅި އަބަދުވެސް ބަހައްޓާށެވެ. އެކަމަކު ރީތިކޮށް، ބެލެހެއްޓުންތެރިކަމާ އެކުގަ އެވެ.

ދާދި ފަހުން ސައިންސްވެރިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ތުނބުޅިއަކީ ފިރިހެނުންގެ ފިރިހެންވަންތަކަން ދައްކުވައި ދިނުމުގެ އިތުރަށް، އެ މީހުންގެ ޗާލުކަމާ އެއްވަރަށް މީހާގެ ސިއްހަތަށް ވެސް އެތަކެއް ފައިދާތަކެއް ކުރާ ކަމެކެވެ.

އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ސަދަން ކުއީންސްލޭންޑް އިން "ރޭޑިއޭޝަން ޕްރޮޓެކްޝަން ޑޮސިމެޓްރީ ޖާނަލް" ގެ ނަމުގައި އާންމު ކުރި ދިރާާސާއަކުން ދައްކާ ގޮތުގައި ތުނބުޅިއަކީ ފިރިހެނުންގެ މޫނުގެ ހަންގަނޑު އަލްޓްރާ ވައިލެޓް (ޔޫވީ) ގެ ދޯދިތަކުން ސަލާމަތްކޮށްދޭ ވަސީލަތެކެވެ. އެކަމަށް ތުނބުޅި 90 އާއި 95 ޕަސެންޓާ ދެމެދުގެ އެހީއެއް ފޯރުކޮށްދެ އެވެ.

ތުނބުޅިން މޫނުގެ ހަންގަނޑު ރައްކާތެރިކޮށް ދިނުމުގެ ސަބަބުން ހަމުގެ ކެންސަރުން ފިރިހެނުން ސަލާމަތްކޮށްދެ އެވެ. ހަމަ މިއާއެކު މީހާގެ ރީތިކަން އިތުރަށް ދައްކުވައިދީ، ފިރިހެން ވަންތަކަން ވެސް ދައްކުވައިދޭ ކަމަށް ދިރާސާ އިން ހާމަވެފައިވެ އެވެ.

ތުނބުޅި ބެހެއްްޓުމަކީ ސިއްހީ ގޮތުން ފައިދާ ހުރި ކަމަކަށް ވިޔަސް، އެކަމަށް ސަމާލު ވާން ޖެހެ އެވެ. ހާއްސަކޮށް ތުނބުޅި ރީތިކޮށް ސާފުކޮށް ބެހެއްޓުމަށެވެ.

އެހެން ނޫން ނަމަ ކާއިރު، ތުނބުޅީގައި ކާތަކެތި އުނގުޅި މޫނުން ނުބައި ވަސް ދުވުމުގެ ފުރުސަތު ބޮޑެވެ. އެހެން ކަމުން ތުނބުލި ދޮންނަން ހާއްސަ ކްރީމާއި ތެޔޮ ފަދަ ތަކެތި ބޭނުންކޮށްގެން ތުނބުޅި ދޮވެ، ސާފު ކުރަން ވާނެ އެވެ.

މިގޮތަށް ކަން ނުކުރެވޭ ނަމަ ތުނބުޅިން ލިބޭ ފައިދާތަކުގެ ބަދަލުގައި ލިބޭނީ ގެއްލުމެވެ. ބެދޭނީ އިތުރު ލަދެއްގަ އެވެ.