އަމިއްލަ ބޭނުމަށް ދުންފަތުގެ ބާވަތްތައް އެތެރެކުރާއިރު މީގެ ކުރިން ފަތުރުވެރިންނަށް އެކަނި ދީފައި އޮތް ޑިއުޓީ އިނާޔަތްތައް ދިވެހީންނަށް ވެސް ލިބޭ ގޮތަށް "ދަތުރުވެރީން ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި، ވިޔަފާރި ސާމްޕަލުގެ ގޮތުގައި ގެންނަ ތަކެތީން ޑިއުޓީ މާފުކުރުމުގެ އުސޫލު" އިސްލާހުކޮށްފި އެވެ.

އަލަށް ގެނައި އިސްލާހުގައި ވަނީ، ކުރިން "ފަތުރުވެރިން" އޮތް ބައި އުވާލައި، ރާއްޖެއިން ބޭރުން އަންނަ އުމުރުން 21 އަހަރުން މަތީގެ ކޮންމެ "ދަތުރުވެރިއަކަށް" ޑެކްލެއާ ކުރަން ނުޖެހޭ ގޮތަށް އެތެރެކުރެވޭނެ މިންވަރުތައް ކަނޑައަޅާފަ އެވެ. އެގޮތުން ޑިއުޓީ މާފުވާނީ:

  • 200 ސިނގިރޭޓު
  • 20 ސުއްޓާ (ކުރިން 25)
  • 100 ގުރާމުގެ ދުންފަތް (ކުރިން 250 ގުރާމު)

މީގެ އިތުރުން 21 އަހަރުން މަތީގެ ދަތުރުވެރިން އަމިއްލަ ބޭނުމަށް ގެންނަ ރޯލިން ޓޮބޭކޯ ނުވަތަ ދުންފަތް އޮޅުމަށް ބޭނުންކުރާ ސާމާނު ވެސް ޑެކްލަރޭޝަނާ ނުލައި އެތެރެކުރެވޭނެ އެވެ. އޭގެ ތެރޭގައި ފަހަރަކު ސިނގިރޭޓެއް/ބިޑިއެއް އެނބުރޭ މެނުއަލް ޕޯޓަބަލް ކުދި މެޝިން، ނޯޅާ ހުންނަ 50 ކަރުދާސް، 50 ފިލްޓަރު އަދި 50 ހުސް ޓިއުބު ނުވަތަ ޕައިޕް ހިމެނެ އެވެ.

ނަމަވެސް ޝީޝާ އާއި ފްލޭވާޑް ސިނގިރެޓްގެ ބާވަތްތައް ޑިއުޓީ ނުދައްކައި ނުގެނެވޭނެ އެވެ.

މި ސަރުކާރުން ވަނީ 2024 ގައި ވޭޕް މަނާކޮށް، 1 ޖެނުއަރީ 2007 ގެ ފަހުން އުފަންވި މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުމާއި ގަނެވިއްކުން މަނާކުރުން ފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ. އަދި ނޮވެމްބަރު 2024 ގައި ދުންފަތުގެ ޑިއުޓީ ބޮޑުކުރި ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ލަފަޔާއެކު ކަމަށް ބުނެ މިދިޔަ ޖުލައި މަހު ވަނީ އަލުން އެ ޑިއުޓީ ކުޑަކޮށްފަ އެވެ.