އިންޑިއާގެ ބައެއް ނޫސްވެރިންގެ އަމަލުތައް ހުރި ގޮތުން އެކްޓަރު ސައިފް އަލީ ޚާން ރުޅިގަދަވެއްޖެ އެވެ.

ރޭގެ ވަގުތެއްގައި ސައިފް އޭނާގެ އަންހެނުން ކަރީނީ ކަޕޫރުއާ އެކު ބޭރުން ގެއަށް ވަތްއިރު މީޑިއާގެ ވިއްސަކަށް ނޫސްވެރިން ވަނީ އެ ދެ މީހުންގެ ފަހަތުން އިމާރާތަށް ވަދެފަ އެވެ.

ނޫސްވެރިންގެ މި އަމަލާމެދު ހިތްހަމަ ނުޖެހި ސައިފް ވަނީ އެ ދެމަފިރިންގެ ނިދާ ކޮޓަރިއަށް ވެސް ނޫސްވެރިން ވަންނާނަންތޯ ސުވާލު ކޮށްފަ އެވެ.

މި ހާދިސާ އަށް ފަހު ސައިފްގެ ސެކިއުރިޓީ ގާޑުން ވަޒީފާއިން ވަކިކުރި ކަމުގެ އަޑުތަކެއް އެރި ނަމަވެސް ސައިފް ވަނީ އެކަން ދޮގުކޮށްފަ އެވެ.

މި ކަމާ ގުޅިގެން ވާހަކަ ދައްކަމުން ސައިފް ބުނީ އެއީ އޭނާގެ މުވައްޒަފުންގެ ކުށެއް ނޫން ކަމަށާއި އެކަން ކުރި ނޫސްވެރިންނަށް ގާނޫނީ ފިޔަވަޅު އެޅުމަކީ ވެސް އޭނާ ބޭނުންވާ ގޮތް ނޫން ކަމަށެވެ.

އެހެން ނަމަވެސް އެކްޓަރުންގެ ޒާތީ ދިރިއުޅުމަށް އިހްތިރާމް ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އެގޮތަށް ގެއަށް ވަދެގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ސައިފް ބުނެފައިވެ އެވެ.

ސައިފްގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު ދެން އެންމެ އަވަހަށް އޭނާ ފެނިގެންދާނީ އޯމް ރައުތު ޑައިރެކްޓްކުރާ އަދިޕުރުޝް އިންނެވެ. މި ފިލްމުގެ ޓީޒާ ދައްކާލާފައިވާއިރު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.