މިއަހަރުގެ ސެޕްޓެމްބަރާއި އޮކްޓޫބަރު މަހު ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 203 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މިއަދު ނައްތާލައިފި އެވެ.

ފުލުހުން ބުނީ އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި ނައްތާލާފައިވަނީ މިއަދު ހެނދުނު ދޫނިދޫގައި ކަމަށެވެ.

އެ މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި އާންމު މީޑިއާތަކަށާއި އޮބްޒާވަރުންނަށް ބައިވެރިވުމުގެ ފުރުޞަތު ދީފައިވެ އެވެ. އެގޮތުން އޮބްޒާވަރުންގެ ގޮތުގައި ހަތަރު ފަރާތަކުން ބައިވެރިވެފައިވެ އެވެ. އަދި މި ހަރަކާތުގެ ތެރެއިން ވަނީ އޮބްޒާވަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމާއި އޮބްޒާވަރުން ދައްކާ މަސްތުވާތަކެތިން ސާމްޕަލް ނަގައި ޓެސްޓް ކުރުމަށްފަހު އެތަކެތީގެ ބާވަތް ބުނެދީފަ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 203 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މިއަދު ނައްތާލަނީ. ފޮޓޯ: ޕޮލިސް

ފުލުހުން ބުނީ މިއަދު ނައްތާލާފައިވަނީ މިދިޔަ ސެޕްޓެމްބަރު 8 ވަނަ ދުވަހު ޑާކާ މަގުން ރާއްޖެއައި ބަންގްލަދޭޝް ރައްޔިތެއްގެ އަތުން ފެނިފައިވާ 3.8 ކިލޯގެ މަސްތުވާތަކެއްޗާއި މިދިޔަ އޮކްޓޯބަރު 1 ވަނަ ދުވަހު ސ. ހިތަދޫ، ފިނިފަރު އަބްދުﷲ އިބްރާޙީމް އާއި އިތުރު ބަޔަކު ބައިވެރިގެން ރާއްޖެ އެތެރެކުރި 79 ކިލޯގެ މަސްތުވަތަކެއްޗާއި އޮކްޓޯބަރ 12 ވަނަ ދުވަހު ގއ. ވިލިނގިލީ، ލައިޓްހައުސް ޝަހީބް އިބްރާޙީމް އިތުރުބަޔާކައި ބައިވެރިވެގެން ރާއްޖެ އެތެރެކޮށްފައިވާ 120 ކިލޯގެ މަސްތުވާތަކެތި ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 203 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މިއަދު ނައްތާލަން ތައްޔާރުވަނީ. ފޮޓޯ: ޕޮލިސް

ފުލުހުން ބުނިގޮތުގައި މިތަކެތީގެ ތެރޭގައި ހިމެނެނީ 65 އެވިޑެންސްގައި ހިމެނޭ 224 ރަބަރު ޕެކެޓާއި 15،8188.7000 ގްރާމްގެ ހެރޮއިންނާއި 3788.4000 ގްރާމްގެ ކެނަބިހާއި 41090.6000 ގްރާމްގެ މެޓަމްޕެޓަމިން ރެސިމޭޓްގެ އިތުރުން އެހެނިހެން 41 އައިޓެމެވެ. މިއަދު ނައްތާލި މަސްތުވާތަކެތީގެ ބަރުދަނަކީ 203.07 ކިލޯގްރާމެވެ. މިތަކެތީގެ މަގުމަތީގެ އަގު 203،123،830.00 ރުފިޔާއަށް އަރަ އެވެ.

މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓަ ޖެނެރަލް އެކުލަވާލާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.