ލައިސަންސް ކާޑުގެ ބަދަލުގައި ޕާސްޕޯޓް ކާޑު ބޭނުން ނުކުރެވޭ ގޮތަށް ދިވެހި ޕާސްޕޯޓާ ބެހޭ ގަވައިދަށް އިސްލާޙު ގެނެސްފި އެވެ.

މި އިސްލާހާއެކު ކުރިން ޕާސްޕޯޓް ކާޑު ބޭނުންކުރި ހިދުމަތްތަކުގެ ތެރެއިން އުނި ކޮށްފައިވަނީ ހަމައެކަނި ލައިސަންސް ކާޑުގެ ޚިދުމަތްތައް ހޯދުން އެކަންޏެވެ. އިމިގްރޭޝަން އިން ދޫކުރާ ޕާސްޕޯޓް ކާޑު މެދުވެރިކޮށް އިތުރު ޚިދުމަތް ލިބޭގޮތަށް ހަމަޖެއްސުމުގެ އިޚްތިޔާރު އެ އިދާރާއަށް ލިބިގެންވާ ކަމަށްވެސް ގަވައިދަށް އިސްލާޙު ގެނައިއިރު ހިމަނާފައިވެ އެވެ. މިއަދުން ފެށިގެން މި އިސްލާހަށް އަމަލުކުރަން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި ޕާސްޕޯޓް ކާޑު ތައާރަފުކުރީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެވެ.

ޕާސްޕޯޓް ކާޑު ތައާރަފްކުރީ ބައިނަލްއަގުވާމީ ދަތުރުތަކާއި އެތެރޭގެ އުދުހުންތަކުގައި ވެސް ބޭނުންކުރެވޭ ގޮތަށެވެ. އޭގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އާއި މާސްޓަ ކާޑާއި އެލައިޑް އިންޝުއަރެންސްގެ ހިދުމަތްތައް ވެސް ޕާސްޕޯޓް ކާޑު ބޭނުންކޮށްގެން ލިބޭގޮތަށެވެ. ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ފައިސާގެ މުއާމަލާތް ކުރެވޭ ފީޗާސްތައް ހިމަނައިގެން ޕާސްޕޯޓު ކާޑެއް ހަދާފައެއް ނުވެ އެވެ.

ޕާސްޕޯޓް ކާޑަކީ ދުނިޔޭގެ ކުރިއަރާފައިވާ ވަރަށް ގިނަ ގައުމުތަކުގައި ވެސް ބޭނުންކުރަމުން އަންނަ އެއްޗެކެވެ.