ރައީސް ސޯލިހު ކޯލިޝަން ޕާޓްނަރުންނަށް ދެއްވީ "ދޯކާ" ކަމަށް ވިދާޅުވެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާޙަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރާއި އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވެސް ރައީސް ސޯލިހު ދެއްވީ "ދޯކާ" ކަމަށެވެ.

ޝިޔާމް ވިދާޅުވީ އެމްޑީޕީން ވެސް ރައީސް ސޯލިހަށް މިހާރު އިތުބާރު ނުކުރާ ކަމަށެވެ. އެއީ ރިޔާސީ އިންތިހާބާ ދިމާކޮށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމުގެ ފިކުރެއް ނެތީމަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ އެންމެންނަށް ދޯކާ ދިނީ، އެމްޑީޕީ އަށް ދޯކާ ދިނީ. މަނިކުފާނަށް (ނަޝީދު) ވެސް އޮޅުވާލީ، ވީ ވައުދެއް ހަނދާނެއް ނެތް. ކޯލިޝަން ޕާޓްނަރުންނަށް ވެސް އޮޅުވާލީ، ވީ ވައުދެއް ހަނދާނެއް ނެތް." ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އަދާލަތު ޕާޓީން، ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމެވީ، ފަހުން އެއްޗެއް ލިބުނީމަ، އެކޮޅަކަށް ދެވޭނެ ކަން އެނގޭތީ ކަމަށާއި އެ ޕާޓީއަކީ އަބަދުވެސް އެހެން އުޅޭ ބައެއް ކަމަށެވެ.