ރޯދައިގެ އިނާޔަތް ބޮޑުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށައެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

މި މައްސަލަ ހުށައެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އެވެ.

ޝިޔާމް ހުށައެޅުއްވި މައްސަލައިގައި ވަނީ ރަމަޟާންމަހަކީ މުސްލިމް އުއްމަތަށް އަންނަ އެންމެ ބަރަކާތްތެރި މައްސަރު ކަމަށްވެފައި ދިވެހިރާއްޖެއަކީ ސައްތަ އިން ސައްތަ މުސްލިމް ޤައުމެއްކަމަށާއި ރަމަޟާން މަހަކީ އެ މަހެއްގައި ކޮންމެ ދިވެހި ރައްޔިތަކުވެސް ރޯދައިގެ މަތިވެރި އަޅުކަން އަދާ ކުރާ މައްސަރު ކަމުގައި ވީއިރު، ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ ރައްޔިތުން އަތްނުފޯރާފަށަށް ކާބޯތަކެތީގެ އަގުތައް އުފުލިފައިވާ ކަމަށެވެ.

" އެތައް ދިވެހި ރައްޔިތުންނެއް ވަރަށް ނިކަމެތި ހާލުގައި އުޅެމުންދާތީ ރަމަޟާން މަހުގެ އިނާޔަތް 3000ރ. އަށްވުރެ ބޮޑުކޮށްދިނުމަށާއި، ރަމަޟާން މަހުގެ އިނާޔަތް ދިނުމަށް މިހާރު އެކުލަވާލާފައިވާ ގާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ގާނޫނު) އަލުން މުރާޖަޢާކޮށް، ހުރިހާ ފަންނުތަކުގެ މަސައްކަތްތެރިންނާއި މަސްވެރިންނާއި ދަނޑުވެރިންފަދަ ސިނާއަތްތަކުގެ މަސައްކަތްތެރިންނަށްވެސް ރޯދައިގެ އިނާޔަތް ލިބޭނެ ހަމަހަމަ އުސޫލެއް ގާއިމްކޮށް އެ ހުރިހާ ފަރާތްތަކަށް އިނާޔަތް ދިނުމަށް ސަރުކާރަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން މި މައްސަލަ ހުށަހަޅަމެވެ." މައްސަަލައިގައި ވެއެވެ.

މިމައްސަލަވަނީ މަޖިލީހުގައި ބަހުސްކުރަން ބަލައިނުގަނެ ބޭރުކޮށްލާފަ އެވެ.

ރޯދައިގެ އިނާޔަތުގެ ގޮތުގައި ދެނީ ކޮންމެ 3000 ރުފިޔާ އެވެ. އަދި މިއަހަރުގެ ރޯދައިގެ އިނާޔަތް މިމަހުގެ 19 ވަނަ ދުވަހު ދިނުމަށް ފިނޭންސް މިނިސްޓްރީންވަނީ މުއައްސަސާތަކަށް އަންގާފަ އެވެ.